Advertisement

ބީއެމްއެލްގެ އޭޓީއެމްއިން މަހަކު 2000 ޑޮލަރު ނެގޭގޮތަށް ހަދައިފި

16 Apr 2020 | 20:30

ކޮވިޑް-19 އާ ގުޅިގެން ބައިނަލްއަޤްވާމީ ދަތުރުފަތުރު ކުރުމުގައި ދިމާވެފައިވާ ދަތިތަކާ ގުޅިގެން ރާއްޖެއަށް ޑޮލަރު އިމްޕޯޓް ކުރާ އަދަދު މިވަނީ ދަށްވުމުގެ ސަބަބުން މިއަދުން ފެށިގެން ކޮންމެ ކަސްޓަމަރަކަށް އޭޓީއެމް އަދި ބްރާންޗް މެދުވެރިކޮށް މަހެއްގެ މައްޗަށް ނެގޭ އަދަދު 2000 ޔޫއެސް ޑޮލަރުގެ ގޮތުގައި ކަނޑައެޅުމަށް ބޭންކް އޮފް މޯލްޑިވްސް އިން ނިންމައިފިއެވެ.

ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ މިހާރު ރާއްޖޭން ބޭރަށް ދަތުރު ކުރުން ހުއްޓާލެވިފައިވާތީވެ، ޔޫއެސް ޑޮލަރު ބޭނުންވާ އަދަދު ދަށްވެފައިވާ ކަމަށާއި، މަތީގައި ބަޔާންކޮށްފައިވާ އަދަދު ކަނޑައެޅިފައިވަނީ ބޭންކުގެ ކަސްޓަމަރުންނަށް ކުރިޔަށް އޮތްތާނގައި ދިމާވެދާނެ ދަތިތަކަށް ބަލައި މުހިންމު ޒަރޫރީ ބޭނުންތަކަށް ޔޫއެސް ޑޮލަރު ބޭނުންވާ ފަރާތްތަަކަށް ދަތިކަމެއް ނެތި ޑޮލަރު ނެގުމަށް ފަސޭހަކޮށްދިނުމުގެ ގޮތުންކަމަށެވެ.

ބޭންކުން ބުނީ ކަސްޓަމަރުންނަށް މިހާރެކޭވެސް އެއްފަދައިން އިންޓަރނެޓް ބޭންކިންގ އަދި މޯބައިލްޕޭ މެދުވެރިކޮށް ޔޫއެސް ޑޮލަރު އެކައުންޓް ބޭނުންކޮށްގެން ރާއްޖޭން ބޭރަށް ފައިސާ ފޮނުވޭނެކަމަށެވެ. އަދި ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް ބޭނުންވާ ޔޫއެސް ޑޮލަރު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކުން ފޯރުކޮށްދެމުންދާ ކަމަށް ވަނީ ބުނެފައެވެ.

މިގޮތުން ބޭންކުން ދަނީ އިމްޕޯޓްކުރާ ފަރާތްތަކަށް ބޭނުންވާ ޔޫއެސް ޑޮލަރު ފޯރުކޮށްދިނުމުގެ އިތުރުން ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ފައިސާ ފޮނުވުމުގައި ދިވެހިރުފިޔާ އެކައުންޓް ބޭނުންކޮށްގެން ފައިސާ ފޮނުވޭގޮތް ހަމަޖައްސާފައެވެ.

Advertisement

ކޮމެންޓް