ކޮވިޑް-19 ޖެހޭ މީހުން އިތުރުވެ، ބަލި ފެތުރެން ފަށައިފިނަމަ ފަރުވާ ދެވޭނެ ގޮތެއް ނެތް: ޑރ. ޝީނާ

17 Apr 2020 | 22:47

ކުރިން އަންދާޒާކުރި މިންވަރަށްވުރެ ބަލިޖެހޭނެ މީހުންގެ ޢަދަދު އިތުރުވާނެކަން މިހާރު ޕޮޒިޓިވްވި ފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސް ހެދުމުން އެނގިފައިވާ ކަމުގައި ޢާންމު ޞިއްޙަތުގެ ދާއިރާއިން ޕީއެޗްޑީ ޙާޞިލުކުރައްވާފައިވާ ޞިއްޙީ ޑޮކްޓަރ ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) އިން މިރޭ ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. ޝީނާ މޫސާ ވަނީ ރާއްޖޭގައި ބަލި ބޮޑަށް ފެތުރިއްޖެނަމަ މުޖްތަމައުގެ ހާލަތު އޮންނާނެ ގޮތާމެދު ކޮށްފައިވާ ދިރާސާއާ ގުޅޭ ހާއްސަ ޕްރެޒެންޓޭޝަނެއް ހިއްސާކޮށްފައެވެ.

މި ޕްރެޒެންޓޭޝަންގައި ޑރ ޝީނާ ވަނީ ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވެ، ބަލި ފެތުރެން ފަށައިފިނަމަ ފަރުވާ ދެވޭނެ ގޮތެއް ނެތްކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މި ދަނޑިވަޅުގައި ބަލި ޖެހޭ މީހުންގެ މިންވަރު މަދުނުވާނަމަ ގިނަ ބަޔަކު ނިޔާވުމުގެ ފުރުޞަތު އެބަ އޮތް ކަމުގައި އޭނާ ވިދާޅުވިއެވެ.

މިހާރު ސޯޝަލް ޑިސްޓޭންސިން ނުވަތަ އިޖުތިމާޢީ ދުރުހުލެކިން ހުރި ގޮތަށް ބަލާއިރު 10 ދުވަހުގެ ތެރޭގައި ބައްޔަށް ޕޮޒިޓިވްވި ފަރާތްތަކުގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވާނެކަމަށްވެސް ޑރ ޝީނާ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން 10 ދުވަހުގައި އެޑްމިޓުކުރަންޖެހޭ ފަރާތްތަކުގެ ޢަދަދުވެސް ވަރަށް ބޮޑަށް އިތުރުވާނެ ކަމުގައި ޑރ.ޝީނާ ވިދާޅުވިއެވެ.

މިބާރު މިނުގައި ބަލި ފެތުރިރެމުން ދާނަމަ ބަލިވާ ފަރާތްތަކަށް ފަރުވާނުދެވޭނަކަމަށް ޑރ. ޝީނާ ވިދާޅުވެިގޮތުގައި، ރާއްޖޭގައި ސިއްހީ ފަރުވާ ދޭ އެނދު ގިނަ ވީނަމަވެސް ސިއްހީ މާހިރުން މަދުވުމުން ގިނަބަޔަކު ފަރުވާއިން މަހުރޫމުވާނެކަމަށެވެ.

އަދި ބަލިޖެހޭނެ މީހުންގެ ޖުމްލަ ޢަދަދު ގާތްގަނޑަކަށް ލައްކައަކަށް އަރާނެ ކަމުގައިވެސް ޑރ.ޝީނާ ފާހަގަކުރެއްވިއެވެ. އަދި މިހާރު ކަންހުރި ގޮތަށް ބަލާއިރު ބަލި ފެތުރުން ކުންނަށް ވާޞިލުވާނީ ކުރިއަށް އޮތް ރަމަޟާން މަހުގައި ކަމަށްވުން އެކަށީގެންވާ ކަމުގައިވެސް ޑރ.ޝީނާ ފާހަގަކުރެއްވިއެވެ.

Advertisement

ކޮމެންޓް