Advertisement

އަޅާފައިވާ ފިޔަވަޅުތަކަށް މަދުބަޔަކު ތަބާވާނަމަ ހާލަތު ވަރަށް ގޯސްވެދާނެކަމުގެ އިންޒާރު!

18 Apr 2020 | 12:51

ކޮވިޑް-19 އިން ރައްކާތެރިވުމަށް ދައުލަތުގެ އިދާރާތަކާއި ސިއްހީ ފަންނުވެރިން އަޅާފައިވާ ފިޔަވަޅުތަކަށް އާބާދީގެ މަދު ބަޔަކު ތަބާވާނަމަ ހާލަތު ކުރިން ލަފާކުރެވުނު ވަރަށްވުރެ ގޯސްވެދާނެކަމުގެ އިންޒާރުދީފިއެވެ.

ރޭ ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕަބްލިކް ހެލްތުގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ޑރ.ޝީނާ މޫސާ ވިދާޅުވީ މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ތަބާވަނީ ހަމައެކަނި އާބާދީގެ 25 އިންސައްތަ ކަމުގައިވާނަމަ ކޮމިއުނިޓީ އައުޓްބްރޭކެއް ފެށޭތާ 170 ވަނަ ދުވަހަށް ވާއިރު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދު 100،605 އަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. 

މިފަދަ ހާލަތެއްގައި 43،240 އައިސީޔޫ ވެންޓިލޭޓަރު ބޭނުންވާނެއިރުގައި، މިއީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާގެ މިހާރުގެ ގާބިލިއްޔަތުކަން ތަންދޭ މިންވަރެއް ނޫންކަމަށް ޑރ.ޝީނާ ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ. މިހާލަތުގައި ޕީކްޑޭ ނުވަތަ އެންމެ ގިނައިން އަލަށް މީހުން ޕޮޒިޓިވްކަމަށް ދައްކާނެ ދުވަސްކަމަށް ލަފާކޮށްފައިވަނީ 17ވަނަ ދުވަހެވެ.

އެހެނަސް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އާބާދީގެ 75 އިންސައްތަ ތަބާވިޔަސް މި އަދަދު ވަރަށް ބޮޑަށް ދަށް ކުރެވިދާނެކަމަށް އަންދާޒާކުރެވޭ ކަމަށް ޑޮކްޓަރ ފާހަގަކުރެއްވިއެވެ.

އެގޮތުން މިފަދަ ހާލަތެއްގައި ކޮމިއުނިޓީ އައުޓްބްރޭކް ފެށުނުތާ 304 ވަނަ ދުވަސް ވާއިރުގައިވެސް، އެނދުމަތި ކުރެވޭ ޖުމްލަ އަދަދު ވާނީ 97،015 މީހުން ކަމަށް ވާއިރު، ބޭނުންވާނެ ވެންޓިލޭޓަރުތަކުގެ އަދަދަކީ 41،697 ކަމަށް ޑރ.ޝީނާ މޫސާ ފާހަގަކުރެއްވިއެވެ. 

މިއީ އަންދާސީ އަދަދުތަކެއްކަމުން މި އަދަދުތައް ބަދަލުވުމުގެ ފުރުސަތު އޮންނާނެކަމަށް ޑރ.ޝީނާ ވަނީ ވިދާޅުވެފައެވެ. މި އަދަދު ދަށްކުރުމަށް އޮތް ހަމައެކަނި ގޮތަކީ ރައްކާތެރިކަމުގެ ގޮތުން އެޅޭ ފިޔަވަޅުތަކަށް ތަބާވުންކަމަށް ސިފަކުރެއްވިއެވެ.

Advertisement

ކޮމެންޓް

Advertisement