Advertisement

ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުންނަށް ފްލޫ ވެކްސިނެއް ދެނީ

19 Apr 2020 | 13:28

ކޮވިޑް-19 އާއި ގުޅިގެން މާލެ ލޮކްޑައުންކޮށްފައިވާ ހާލަތުގައި ފްރަންޓްލައިން އޮޕަރޭޝަންތަކުގައި މަސައްކަތްކުރާ ފުލުހުންނަށް ފްލޫ ވެކްސިނެއް ދޭން ފަށައިފިއެވެ.

ރޭ ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ.އަބްދުﷲ ފައިރޫޝް ވިދާޅުވީ ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން އެންމެ ފަހުގެ ފްލޫ ވެކްސިނެއް ރެއިން ފެށިގެން ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުންނަށް ދެމުންގެންދާ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

މީގެ އިތުރުން އެ ފުލުހުންނާއި އާއިލާތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައި މި ދުވަސްވަރު ފުލުހުން އާއިލާތަކާއި އެކު ނޫޅޭނެކަމަށް ފާހަގަކުރެއްވިއެވެ.

ފުލުހުން ރޭ ހާމަކުރިގޮތުގައި 92 މީހުން ހައްޔަރުކޮށް އެކަކު ޖޫރިމަނާކޮށްފައިވެއެވެ.

ފުލުހުން މީގެކުރިން ބުނިގޮތުގައި ކޮވިޑް-19 މާލޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާތީ ލޮކްޑައުން ކުރުމާއި ގުޅިގެން މަގުމަތީ އުޅޭފަރާތްތަކަށް އަދަބު ދޭނެއެވެ. އެގޮތުން ފުރަތަމަ ފަހަރަށް ޖޫރިމަނާ ކުރާނެކަމަށާއި އަދި ތަކުރާރުކޮށްފިނަމަ ގާނޫނުލް އުގޫބާތުގެ 533 ގެ ދަށުން ހައްޔަރު ކުރާނެކަމަށް ވަނީ ބުނެފައެވެ.

މާލޭގައި ވައިރަސް ވެތުރެމުންދިޔަ ނަމަވެސް ގިނައަދަދެއްގެ ފަރާތްތަކުން އަދިވެސް ދަނީ މަގުމަތީގައި އުޅެމުންނެވެ. އެހެންކަމުން އެފަރާތްތަކަށް ހަރުކަށި ފިޔަވަޅުއެޅުމަށް އާންމުން ގޮވާލަމުންނެވެ.

މިހާތަނަށް މާލެއިން ކޮވިޑް-19 އަށް 15 މީހަކު ޕޮޒިޓިވްވެފައި ވެއެވެ.

Advertisement

ކޮމެންޓް