Advertisement

މުޅި ރާއްޖޭގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަން އަންގައިފި

19 Apr 2020 | 16:12

ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ކައުންސިލް ތަކަށް އަންގައިފިއެވެ.

މިއަދު އެމިނިސްޓްރީއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް (ނޮވެލް ކޮރޯނާ ވައިރަސް) ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާތީ، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމުވެރިންގެ ލަފާގެ މަތިން، 19 އޭޕްރީލް 2010 ވީ އާދީއްތަ ދުވަހުގެ މަޣްރިބް ނަމާދުން ފެށިގެން، 30 އޭޕްރީލް 2020 ވާ ބުރާސްފަތި ދުވަހުގެ އަޞްރު ނަމާދުގެ ނިޔަލަށް މުޅި ރާއްޖޭގެ ހުރިހާ މިސްކިތެއްގެ ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދާއި ތަރާވީޙް ނަމާދުގެ ޖަމާޢަތް މިސްކިތުގައި ނުހެދުމަށް ނިންމާފައިވާތީ އެގޮތަށް ޢަމަލުކުރެއްވުމަށް ދަންނަވާކަމަށެވެ.

މިޙާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގިގޮވުމަށާއި، ބަންގީގެ ފަހުގައި އަރަބި ބަހުން އަދި ދިވެހިބަހުން “ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ!” މިފަދައިން 2 ފަހަރު ގޮވުމަށް އިމާމުންނަށް އަންގަވައިދެއްވުމަށް ދަންނަވާފައިވެއެވެ.

މިދަނޑިވަޅުގައި ކަމާބެހޭ ފަރާތްތަކުން ދޭއިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށާއި، މިސްކިތުގެ ޖަމާޢަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ތަރާވީޙް ނަމާދު ކުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރްއާން ކިޔަވައި، ﷲގެ ރަޙްމަތުން މާޔޫސްނުވެ، ސަބަބު ތަކުގައި ހިފާ، ފުރިހަމައަށް ﷲއަށް ވަކީލުކޮށް ގިނަގިނައިން ދުޢާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތްކޮށްފައިވެއެވެ.

Advertisement

ކޮމެންޓް