ބިދޭސީ މަސައްކަތްތެރިންނަށް ކާބޯތަކެތި ފޯރުކޮށްދޭ ތަންތަނަށްވެސް ޑެލިވަރީގެ ހުއްދަ ލިބޭ!

21 Apr 2020 | 01:49

ކޮވިޑް-19 ފެތުރެމުންދިއުމާއި ގުޅިގެން މާލެ ލޮކްޑައުން ކުރެވިފައިވާ ހާލަތުގައި ބިދޭސީ މަސައްކަތްތެރިންނަށް ކާބޯތަކެތި ފޯރުކޮށްދޭ ތަންތަނަށްވެސް ޑެލިވަރީކުރުމުގެ ހުއްދަ ދެމުންގެންދާކަމަށް ބުނެފިއެވެ.

މިއަދު މެންދުރުފަހު ދަރުބާރުގޭގައި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހުގައި "ވޮއިސް" އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ބިދޭސީންނަށް ކާބޯތަކެތި ފޯރުކޮށްދޭ ތަންތަނަށް ހުއްދަ ދޫކުރުމުގެ ކަންތައްތައް ފުލުހުންނާއި މޯލްޑިވްސް ރެޑް ކްރެސެންޓާއި ގުޅިގެން ކުރަމުންދާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ އިއްްޔެއާއި ހަމައަށް މާލެއިން މިފަދަ 33 ތަނަކަށް ހުއްދަ ދެވުނު ކަމަށެވެ.

މިފަދަ ބައެއް ތަންތަނަކީ ރަޖިސްޓަރނުކޮށް ހިންގާ ތަންތަން ކަމަށް މިނޫހުން ފާހަގަކުރުމުން އެބޭފުޅާ ވިދާޅުވީ އެފަދަ ތަންތަނުގެ ޑެލިވަރީ ހުއްދަ ހޯދުމުގެ ކަންކަމުގައި ރެޑް ކްރެސެންޓުން މައުލޫމާތުގެ ސިއްރުކަން ހިފަހައްޓާނެ ކަމަށެވެ.

މާލެ ސިޓީ 14 ދުވަހުގެ ލޮކްޑައުންއަކަށް ގޮސްފައިވާއިރު، ގިނަ އަދަދެއްގެ ބިދޭސީންނަށް ބޭނުންވާނެ ކާތަކެތި ނުލިބިދާނެ ކަމުގެ ބިރުވަނީ ބޮޑުވެފައެވެ. އަދި މިހާރުވެސް އެފަދަ ބައެއް ފަރާތްތަކުން ޝަކުވާ ކުރަމުންދާކަން ފާހަގަކުރެވެއެވެ.

Advertisement

ކޮމެންޓް