މާސްކުވެސް ބަހަންވީ، ޕެނަޑޯލްވެސް ބަހަންވީ. އެޖެންޑާ 19 ވިއްކޭތޯއެއްނޫން ބަލަންވީ: ޔާމީން ރަޝީދު

21 Apr 2020 | 15:30

މާސްކް އާއި ޕެނަޑޯލްވެސް ބަހަންވީކަމަށާއި ބަލަންވީ އެޖެންޑާ 19 ވިއްކޭތޯއެއްނޫން ކަމަށް ވެލިދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔާމީން ރަޝީދު ވިދާޅުވެއްޖެއެވެ.

ޔާމީން ކުރެއްވި ޓުވީޓުގައި މިހެން ވިދާޅުވެފައިވަނީ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ގެ ކަލްޗަރަލް ހެރިޓޭޖް ޑިރެކްޓަރު ޝައްމޫން ޖަލީލް (ލޫކަސް) ކުރި ޓުވީޓަކަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގައެވެ.

"އެމްޕީސް ނިކުމެ މުލީއާގޭގަ ޕެނަޑޯލް ނުބަހަން މި މަޖްލިސް ހޮވީ" ލޫކަސްގެ ޓުވީޓުގައި ބުނެފައިވެއެވެ.

މިއީ ރައީސް ޔާމީން ސަރުކަރުގައި މެޑަމް ފާތުންގެ ސަދަގާތް ފައުންޑޭޝަންގައި އޭރުގެ މަޖިލިސް މެންބަރުންނާއި، މިނިސްޓަރުން އެ ޖަމިއްޔާގެ ހަރަކާތްތަކުގައި އެހީތެރިވުމުގެ ގޮތުން ކޮށްފައިވާ މަސައްކަތަކާއި ގުޅުވައިގެން ކޮށްފައިވާ ޓުވީޓެއް ނަމަވެސް މިއީ މި ސަރުކާރުގެ ކޮން ކޮން މެންބަރުނަކަށް ރައްދުކޮށް ކޮށްފައިވާ ޓުވީޓެއްކަން ސާފެއްނުވެއެވެ.

މިކަމުގެ ރައްދުގައި ޔާމީން ރަޝީދު ވިދާޅުވިގޮތުގައި ޕެނަޑޯލާއި، މާސްކް ވެސް ބަހަންވީކަމަށާއި، މިއީ ކާބޯތަކެތި ވެސް ބަހަންވީ ވަގުތުކަމުގައި ވިދާޅުވެފައިވެއެވެ. އަދި މިއީ އެޖެންޑާ 19 ވިއްކޭތޯ ބަލަންވީ ވަގުތު ނޫންކަމަށާއި ކޮވިޑް19 ގެ ހާލަތުގައި ރައްޔިތުން ގޭގައި ބައިތިއްބާފައި ރައްޔިތުންގެ މަންދޫބުން ހިދުމަތް ކޮށް ހާލު އޮޅުންފިލުވަންވީ ވަގުތުކަމަށް ވިދާޅުވެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލެ ލޮކްޑައުންކޮށްފައިވާއިރު، ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅާއެކު ގިނަ އިދާރީ ކަންކަމަށް ތައްޔާރުވެފައިނުވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ކާބޯތަކެތި ފޯރުކޮށްދިނުމާއި އެކަމުގެ ވިޔަފާރިތައް ރެޖިސްޓަރ ކުރުމުގެ ކަންކަން ވަނީ ވަރަށް ބޮޑަށް ބޮއްސުންލައި ރައްޔިތުން މަގުމައްޗައް ނިކުންނަ ހިސާބައްގޮސްފައެވެ. އެގޮތުން އިއްޔެ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ވަނީ ރައްޔިތުން ލޮކްޑައުންގައި މަހުމައްޗައް ނިކުންނަނީ ޑެލިވަރީ ފެއިލްވެފައިވާތީކަމަށް ވިދާޅުވެފައެވެ. މިހާތަނަށް ސިޓީ ކައުންސިލާއި، ޓްރޭޑް މިނިސްޓްރީގެ އިސްބޭފުޅުން ރައްޔިތުންނާއި ބައްދަލުކޮށް މިކަމުގެ ޝަކުވާ ނާހާ މައްސަލަ ވެސް ގިނަބަޔަކު އަންނަނީ މީސްމީޑިއާގައި އުފުލަމުންނެވެ.

ސަރުކާރުގެ މިނިސްޓްރީ ތަކުގެތެރެއިން ޔޫތް މިނިސްޓްރ އަހްމަދު މަހުލޫފް ވަނީ ރައްޔިތުންގެ ހިދުމަތައް ނިކުމެ ދަރުމަވެރި މަސައްކަތުގައި ހަރަކާތްތެރިވެފައެވެ. އަދި ގިނަ އަދަދެއްގެ ޒުވާނުންވެސް ވަނީ ރައްޔިތުންގެ ހިދުމަތައް ނިކުމެފައެވެ. ނަމަވެސް ސަރުކާރުގެ ސިޔާސީ މަޤާމްތަކުގައި ތިއްބެވި އެހެނިހެން ބޭފުޅުންގެ ކިބައިން މިފަދަ ހިދުމަތް ނުފެނި ގެއްލިފައިވުމުން ގިނަބައެއްގެ ފާޑުކިޔުން ސަރުކާރަށްވަނީ އަމާޒުވެފައެވެ.

މެންބަރު ޔާމީންއަކީ ދަރުމައަށް މަސައްކަތް ކުރުމުގައި ފާހަގަކުރެވިފައިވާ ފަރާތެކެވެ. 

Advertisement

ކޮމެންޓް

Advertisement