ބީއެޗްއެމްގެ ވިޔަފާރީގެ މަސައްކަތްތައް ވަގުތީގޮތުން މެދުކަނޑާލައިފި

21 Apr 2020 | 10:57

ބީއެޗްއެމް ޓްރޭޑާސްގެ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އެކުންފުނީގެ ވިޔަފާރީގެ މަސައްކަތްތައް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އެކުންފުނީގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް މިއަދު ހެނދުނުގެ ވަގުތެއްގައި ކަމާއިބެހޭ ފަރާތްތަކުން އަންގާފައިވާ ކަމަށެވެ. އެހެންކަމުން އެހިނދުން ފެށިގެން ބީއެޗްއެމްގެ ހުރިހާ ޚިދުމަތެއް މެދުކަނޑާލާ އެޗްޕީއޭއަށް އެއްބާރުލުން ދެމުންގެންދާ ކަމަށް ވަނީ ބުނެފައެވެ.

އެގޮތުން މިކަމުގެ ފުރިހަމަ ޓެސްޓްތަކާއި ކޮންޓެކްޓް ޓްރޭސިންގ ހެދުމަށް މަގުފަހިކުރުމުގެ ގޮތުން ހުރިހާ މުވައްޒަފުން މިވަގުތު ތިބީ ގޭގައިކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

މި ހާލަތުގައި މުވައްޒަފުންނާއި، ކަސްޓަމަރުންނާއި އަދި ހުރިހާ ރައްޔިތުންގެ ސަަލާމަތަށްޓަކައި ކަމާއިބެހޭ ފަރާތްތަކަށް އެއްބާރުލުންދީ އެކުންފުނީގެ ފިހާރަތައް ބަންދުކުރުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެކުންފުނިން ވަނީ މައާފަށް އެދިފައެވެ. އަދި ކަމާއިބެހޭ ފަރާތްތަކުގެ އިޒުނަ ލިބުނުހާ އަވަހަށް ޚިދުމަތްތައް ފެށުމަށް ތައްޔާރަށް އޮތްކަމަށް ވަނީ ބުނެފައެވެ.

ވޮއިސްއަށް މައުލޫމާތުދެއްވި އެކުންފުނީގެ އިސް އޮފިޝަލެއް ވިދާޅުވީ އެކުންފުނިން އެތެރެކުރާ މުދާތައް ވިއްކުމާއި ޑެލިވަރކުރުމާއި ގުޅޭ ހުރިހާ އޮޕަރޭޝަނެއް ހުއްޓާލެވިފައިވާ ކަމަށެވެ. އަދި އެކަން ފެށޭނީ އެޗްޕީއޭގެ އެންގުމާއި އެއްގޮތަށް ހުރިހާ މުވައްޒަފުން ފުރިހަމަކުރަންޖެހޭ އައިސޮލޭޝަން އަދި ކަރަންޓީން ފުރިހަމަކުރުމަށްފަހުގައި ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ބީއެޗްއެމްއަކީ ކޯސްޓްކިރު، ހޯސެން، ފޯސްޓާ ކްލާކް އަދި ވެގާ ފަދަ މަޝްހޫރު އުފެއްދުންތައް ރާއްޖެއަށް އެތެރެކުރާ ކުންފުންޏެކެވެ. 

Advertisement

ކޮމެންޓް