މަޖީދިއްޔާ ސްކައުޓް ގްރޫޕުން ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އާންމުންނަށް އެހީވުމަށް ގިނަ ކަންތައްތަކެއް ކުރަނީ

21 Apr 2020 | 12:19

މިވަގުތު ދިވެހިރާއްޖޭގައި އޮތް ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އާންމު ފަރާތްތަކަށް އެހީވުމަށް ދިވެހިރާއްޖޭގެ ފުރަތަމަ ސްކައުޓް ގްރޫޕްކަމުގައިވާ މަޖީދިއްޔާ ސްކޫލްގެ ސްކައުޓް ގްރޫޕުން ޚާއްސަ ހަރަކާތްތަކެއް ކުރިއަށް އެބަގެންދެއެވެ.

ވޮއިސްއަށް މައުލޫމާތުދެއްވަމުން މަޖީދިއްޔާ ސްކައުޓް ގްރޫޕްގެ އޮފިޝަލެއް ކަމުގައިވާ މުހައްމަދު ފައުޒޫން ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން އެހީތެރިކަން ބޭނުންވާ ގިނަ ފަރާތްތަކަކަށް އެ ސްކައުޓް ގްރޫޕުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އެގޮތުން މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން 26ވަނަ ދުވަހާއި ހަމައަށް މޯލްޑިވްސް ބްލަޑް ސާރވިސަސްއާއި ގުޅިގެން ކުރިއަށްގެންދިޔަ ބްލަޑް ޑްރައިވެއް ފައުޒޫން ފާހަގަކުރެއްވިއެވެ. މި ހަރަކާތުގައި 80 އަށްވުރެ ގިނަ ފަރާތްތަކުން ލޭ ހަދިޔާކުރިކަމަށް ފައުޒޫން ހާމަކުރެއްވިއެވެ.

މަޖީދިއްޔާ ސްކައުޓް ގްރޫޕުން ދަނީ ކޮވިޑް-19 އާއި ބެހޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށް ތަފާތު މަސައްކަތްތަކެއްވެސް ކުރަމުންނެވެ. އެގޮތުން މަހަލްދީބް ފައުންޑޭޝަނާއި ގުޅިގެން އެގްރޫޕުން ވަނީ ސިއްހީ އަދި ދީނީ މައުލޫމާތުތައް ސޯޝަލް މީޑިޔާގައި ހިއްސާކުރުމުގެ މަަސައްކަތްވެސް ފަށާފައެވެ.

މީގެ އިތުރުން ފައުޒޫން ހާމަކުރެއްވި ގޮތުގައި މުޖުތަމައުގައި އެހީއަށް ބޭނުންވާ ފަރާތްތަކަށް ރަމަޟާން މަހަށް ބޭނުންވާނެ ތަކެތި ހަދިޔާކުރުމުގެ މަސައްކަތްވެސް ވަނީ އެ ސްކައުުޓް ގްރޫޕުން ކުރިއަށްގެންދިޔައެވެ. އެގޮތުން ރަމަޟާން މުޅޯށި ނަމުގައި ކުރިއަށްގެންދާ މި ހަރަކާތުގައި ފުށް، ހަނޑޫ، ހަކުރު، މަސްދަޅު، ގެރިކިރު، އަލަނާސި ދަޅު، ރޯސް ސިރަޕް، ކައްކާ ތެޔޮ، ކަދުރު އަދި ސައިފަތް ފަދަ ތަކެތި ހިމެނޭ ފޮއްޓެއް ބޭނުންޖެހިފައިވާ ފަރާތްތަކަށް ހަދިޔާ ކުރާނެއެވެ.

ފައުޒޫން ވިދާޅުވި ގޮތުގައި މި ހަދިޔާ ޕެކޭޖްތައް ހަވާލުކުރީ އިސްލާމިކް މިނިސްޓްރީގައި ފަގީރުންގެ ގޮތުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކަށާއި ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންނަށެވެ. މި ހަރަކާތް މާލޭ ސިޓީގެ އިތުރުން އައްޑޫ ސިޓީގައިވެސް ކުރިއަށްދިޔައެވެ.

Advertisement

ކޮމެންޓް

Advertisement