ބަންގްލަދޭޝްގެ ސިފައިންގެ މަތިންދާބޯޓެއްގައި ދިވެހި ދަރިވަރުން ގެނެސްފި

21 Apr 2020 | 11:19

ނޭޕާލް އަދި ބަންގްލަދޭޝްގައި ތިބި ދިވެހިން، ބަންގްލަދޭޝްގެ އަސްކަރިއްޔާގެ އެހީތެރިކަމާއެކު މިއަދު ރާއްޖެ އައިސްފިއެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާއިން ފުރައިގެން ރާއްޖެއަށް އައި އެގައުމުގެ އަސްކަރީ މަތިންދާބޯޓުގައި 71 ދިވެހިން އައިސްފައިވެއެވެ. އެއީ ނޭޕާލުން އައި 18 ދިވެހިންނާ، ބަންގްލަދޭޝްގެ އެކި ސިޓީތަކުން އައި 53 ދިވެހިންނެވެ. މީގެ ތެރޭގައި ތިބީ ސްޕެޝަލައިޒް ވުމަށް ގޮސްތިބި މެޑިކަލް ޑޮކްޓަރުންނާއި، މެޑިސިން ކިޔަވަމުންދާ ދަރިވަރުންނެވެ. އެދަރިވަރުން ރާއްޖެއަށް ނާދެވި ތާށިވެފައި ތިބީ ކޮވިޑް-19 އާ ގުޅިގެން އެޤައުމުތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެ އަންނާނެ އިތުރު މަގެއް ނެތުމާ ގުޅިގެންނެވެ.

މިއަދު އައި ފްލައިޓްގައި ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ބަންގްލަދޭޝްގެ 10 މީހުންގެ މައްޗަށް އެކުލެވޭ މެޑިކަލް ޓީމެއް ވަނީ ރާއްޖެއަށް އައިސްފައެވެ. މިކަމާއި ގުޅިގެން ދިވެހި ޚާރިޖިއްޔާއިން ބުނީ ކޮވިޑް-19 ރާއްޖޭގައި ފެނި، ސިއްހީދާއިރާއިން ރާއްޖެއަށް ބޭނުންވެފައިވާ މިދަނޑިވަޅުގައި ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް މިދެއްވި ދީލަތި އެހީތެރިކަން ރާއްޖެއިން ބަލައިގަންނަނީ ޝުކުރުވެރިކަމާއެކުގައި ކަމަށެވެ.

މީގެ އިތުރުން ބަންގްލަދޭޝްއިން އައި ފްލައިޓްގައި ރާއްޖެއަށް އައުމަށް ނޭޕާލުގައި ތިބި ދަރިވަރުން ބަންގްލަދޭޝްއަށް ދިޔުމަށް ބޭއްވި ޚާއްސަ ފްލައިޓްގެ ކަންތައްތައް ހަމަޖައްސަވައިދެއްވި ކަމަށްޓަކައި ނޭޕާލް ސަރުކާރަށްވެސް ދިވެހި ސަރުކާރުން ޝުކުރު އަދާކުރަައްވާ ކަމަށް ބުންޏެވެ.

Advertisement

ކޮމެންޓް