Advertisement

ކެނެޑާގައި ދިން ނުރައްކާތެރި ހަމަލާއާއި ގުޅިގެން ތައުޒިޔާގެ މެސެޖެއް ފޮނުވައިފި

21 Apr 2020 | 12:06

ކެނެޑާގެ ނޯވާ ސްކޯޝިއާގައި މީހަކު ބަޑިން ހަމަލާދީ ކުށެއް ނެތް އާއްމުންގެ ގިނަ ބަޔަކު މަރާލުމާ ގުޅިގެން އެޤައުމުގެ ޚާރިޖީ ވަޒީރު ފްރަންސްވާ-ފިލިޕް ޝެމްޕޭންއަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރ ޝާހިދު އިއްޔެ ކެނެޑާގެ ފޮރިން މިނިސްޓަރަށް ފޮނުއްވައި މެސެޖްގައި ވިދާޅުވީ ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވި މި ހަމަލާގެ އަޑު އެއްސެވީ ކުއްލި ހައިރާންކަމާ، ފުން ހިތާމަޔާއެކުގައި ކަމަށެވެ. އަދި ހިތާމައިގެ މިދަނޑިވަޅުގައި ދިވެހި ރައްޔިތުންނާ، ސަރުކާރާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ، ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާކަމަށް މިނިސްޓަރ ޝާހިދުގެ މެސެޖްގައި ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއީ ފަހުގެ ތާރީޚެއްގައި ކެނެޑާގައި ދެވުނު މިފަދަ އެންމެ ނުރައްކާތެރި ހަމަލާއެވެ.

އެގޮތުން ފުލުހުންގެ ޔުނިފޯމެއް ލައިގެން ހުރި މީހަކު ނޯވާ ސްކޯޝިއާގެ އެކި ސަރަހައްދުތަކުގައި ކާރުގައި ދަތުރުކޮށް ބަޑިން ހަމަލާ ދީ ބައެއް ގެތަކުގައި ރޯކޮށްލާފައިވެއެވެ. މިހަމަލާތަކުގައި 18 މީހަކު މަރުވެފައިވާއިރު، މީގެ ތެރޭގައި ރޯޔަލް ކެނޭޑިއަން މައުންޓެޑް ޕޮލިސްގެ އަންހެން އޮފިސަރަކު ހިމެނެއެވެ. އަދި ރޯކޮށްލާފައިވާ ތަންތަނުގެ ތެރޭގައި މަރުވެފައި އިތުރު ބަޔަކު ތިބުން އެކަށީގެންވާކަމަށް ރޯޔަލް ކެނޭޑިއަން މައުންޓެޑް ޕޮލިސް އިން ވަނީ ބުނެފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ދޭން ފެށި ހަމަލާތައް 12 ގަޑިއިރަށް ދިގު ދެމިގެން ދިޔައެވެ. ނަމަވެސް ފުލުހުންނާ، ހަމަލާ ދީން މީހާއާއި ދެމެދު ހިނގި ކުރިމަތިލުމުގައި ހަމަލާ ދިން މީހާ ވަނީ މަރުވެފައެވެ.

Advertisement

ކޮމެންޓް