ވިލިވަރުގައި މީހުން ބޭތިއްބީ ބަހައްޓަން ހެޔޮވާވަރުގެ ތަނެއްގައި ނޫން، އެކަމަށް މައާފަށް އެދެން: މަބްރޫކް

22 Apr 2020 | 20:13

މާލެއިން އިއްޔެ ރޭ ގެންދިޔަ ގިނަ އަދަދެއްގެ ބިދޭސީން ވިލިވަރު އައިސޮލޭޝަން ފެސިލިޓީގައި ބެހެއްޓީ އިންސާނުން ބަހައްޓަން ހެޔޮވާވަރުގެ ތަނެއްގައި ނޫންކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް އެއްބަސްވެވަޑައިގަންނަވައިފިއެވެ.

މަބްރޫކް މިފަދައިން ވިދާޅުވީ މިއަދު މެންދުރުފަހު ދަރުބާރުގޭގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

އެބޭފުޅާ ވިދާޅުވީ ބިދޭސީން ދިރިއުޅެމުންދިޔަ ބައެއް ތަންތަން މޮނީޓަރިންގގެ ހާލަތަށް ލެވުމާއި ގުޅިގެން އެފަރާތްތަކަށް ކާބޯތަކެތި ލިބުމާއި އެހެނިހެން ޒަރޫރީ ތަކެތި ލިބުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހުނުކަމަށެވެ. އަދި އެފަދަ ފަރާތްތަކުން އުޅެމުންދިޔައީ ބައިބޯކޮށް ހުންނަ ތަންތަނުގައި ކަމަށްވާތީ، އެ ފަރާތްތައް ވީހާވެސް އަވަހަށް އެހެން ތަނަކަށް ބަދަލުކުރުމަށް ނިންމުނުކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިގޮތުން 80 ބިދޭސީން ރޭގެ ވަގުތެއްގައި ވިލިވަރަށް ގެންދެވުނުކަމަށް މަބްރޫކް ހާމަކުރެއްވިއެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ އެފަރާތްތައް ވިލިވަރަށް ގެންދިޔައީ އެހާ ގިނަ ވަގުތު އެތަނުގައި ބަހައްޓަން ނޫންކަމަށާއި، ނަމަވެސް އެއީ މީހުން ބައިތިއްބަން ރަނގަޅުތަނެއް ނޫންކަމަށެވެ. އެކަމާއި ގުޅިގެން އެތަނަށް ގެންދެވުނު އެންމެހާ ފަރާތްތަކުގެ ކިބައިން މައާފަށް އެދޭކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެތަނުގައި ރޭ ތިބި ފަރާތްތައް ވަނީ ސަން ސިޔާމް އިރުފުށި ރިސޯޓް އަދި މަލަހިނި ކުޑަ ބަނޑޮސްގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކަށް ބަދަލުކުރެވިފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް