މާލޭގައި ދިރިއުޅޭ ބިދޭސީންނަށް ކާބޯތަކެތި ލިބުމުގައި ބޮޑެތި ދަތިތަކެއް!

23 Apr 2020 | 11:53

މާލޭގެ އެކި ތަންތަނުގައި ވަކިން ދިރިއުޅެމުންދާ ބިދޭސީންނަށް ކާބޯތަކެތި ލިބުމުގައި ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭކަމުގެ ޝަކުވާތައް އިތުރުވެއްޖެއެވެ.

އެގޮތުން މީސް މީޑިޔާގެ ޕޯސްޓްތަކުންނާއި ވޮއިސްއަށް ލިބިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބަލާއިރު، މާލޭގެ ބައެއް ފިހާރަތަކުން ބިދޭސީންނަށް ކާބޯތަކެތި ފޯރުކޮށްދޭން ފަސް ޖެހެމުންދާކަމަށް ވަނީ އެނގިފައެވެ.

ވޮއިސްއަށް މައުލޫމާތުދިން ހުޅުމާލޭގައި ދިރިއުޅެމުންދާ ފަރާތަކުން ބުނީ އޭނާގެ އާއިލާ ދަންނަ ބިދޭސީ ލޭބަރާއަކު އުޅެމުންދަނީ މާލޭގައި ކަމަށާއި، އެމީހާގެ ހާލު ބެލުމަށް މިއަދު ގުޅިއިރު ވަރަށް އަސަރާއި އެކު ކާބޯތަކެތި ލިބުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަން ކިޔައިދިން ކަމަށެވެ. އެގޮތުން އޭނާގެ އެކުވެރިން ފުލުހުންގެ ހުއްދަ ހޯދައިގެންވެސް ކާބޯތަކެތި ގަންނަން ދިއުމުން ބައެއް ފިހާރަތަކުން ކާތަކެތި ބިދޭސީންނަށް ވިއްކަން ދެކޮޅު ހެދިކަމަށް އެފަރާތް ވަނީ ކިޔައިދީފައެވެ. 

އަދި މީގެ އިތުރުން ހުއްދަ ލިބިފައިވާ ބިދޭސީންނަށް ކާބޯތަކެތި ފޯރުކޮށްދޭ ފަރާތްތަކަށްވެސް ފިހާރަތަކުން ބޭނުންވާ ސަޕްލައިތައް ލިބުމުގައި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށްވެސް ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން އެ ދިވެހި ފަރާތް ވަނީ މިކަން ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެފަރާތުން ވޮއިސްއަށް ކިޔައިދިން ގޮތުގައި ބިދޭސީ މީހާ އުޅޭ ސަރަހައްދުގެ އައިސީޕީއަށް ގުޅުމުން ނަމާއި ތަފްސީލްތައް ނެގުމަށްފަހުވެސް އެހެން ނަންބަރަކަށް ގުޅުމަށް އެންގިކަމަށެވެ. މި ބީދައިން ދެތިން އައިސީޕީން އަމަލުކުރުމަށްފަހު އެންމެ ފަހުން ރެޑް ކްރެސެންޓަށް ގުޅޭނެ ނަންބަރެއް ދިންކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

ރެޑް ކްެރެސެންޓުން ފޯނު ނެގި ފަރާތް ބުނިގޮތުގައި މިވަގުތު އެ ފަރާތްތަކުން ކޭޓަރކުރަމުން ދަނީ ކެފޭތައް ފަދަ ތަންތަނުން ކާ ބިދޭސީންނަށެވެ. ނަމަވެސް ކާބޯތަކެތީގެ ބާވަތްތައް ގަންނަން ނުލިބޭ މައްސަލަ ގިނަވަމުން ދާތީ، އެކަމާއި މެދު ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރެޑް ކްރެސެންޓުން ފޯނު ނެގި ފަރާތް ބުނިކަމަށް ވޮއިސްއަށް މަައުލޫމާތުދިން ފަރާތުން ބުންޏެވެ.

އަދި ރެޑް ކްރެސެންޓުން އެމީހާގެ ތަފްސީލް ފޯރުކޮށްދޭން އެދުނުކަމަށް އެ ފަރާތް ބުންޏެވެ.

މާލެ ސިޓީ 14 ދުވަހުގެ ލޮކްޑައުންއަކަށް ގޮސްފައިވާއިރު، ގިނަ އަދަދެއްގެ ބިދޭސީންނަށް ބޭނުންވާނެ ކާތަކެތި ނުލިބޭ ކަމުގެ މައްސަލަތައް ވަނީ ބޮޑުވެފައެވެ. އަދި ކުރިއަށް މިއޮތީ ރޯދަމަސް ކަމުގައިވާއިރު، އެފަރާތްތަކަށް އެމަހުގެ ކަންތައްތައް އެންމެ ފުރިހަމައަށް ކުރެވޭނެތޯ ވަނީ ސުވާލު އުފެދިފައެވެ.

Advertisement

ކޮމެންޓް