ކޮވިޑު މިސްރާބު ދެން ޖަހާނީ ރަށްތަކާ ދިމާލަށް، ސިއްހީއެހީ ތެރިން ބާރުވެރިކުރުވަންޖެހޭ: ޑރ. ފައިސަލް

23 Apr 2020 | 14:25

ކޮވިޑު މިސްރާބު ދެން ޖަހާނީ ރަށްތަކާ ދިމާލަށް ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ. ފައިސަލް މިހެން ވިދާޅުވެފައިވަނީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

"ކޮވިޑު މިސްރާބު ދެން ޖަހާނީ ރަށްތަކަށް. މާލެއާ ޚިލާފަށް ރަށްތަކުގައި ބަލި ކޮންޓްރޯލް ކުރުމުގެ ޒިންމާ ނަގާނީ ސިއްހީ އެހީތެރިން. ރަށް ރަނގަޅަށް ދަންނާނީ އެބޭފުޅުން. މި ބަލިން އަރައިގަތުމަށް އެބޭފުޅުން ބާރުވެރި ކުރަންޖެހޭ." ޑރ. ފައިސަލް ވިދާޅުވިއެވެ.

ޑރ. ފައިސަލްއަކީ ކޯވިޑް-19 ބަލި ފެތުރެން ފެށީއްސުރެ ރާއްޖޭގެ އާންމު ރައްޔިތުންނަށް އެބައްޔާއި ގުޅޭ ހޯދުން ތަކުގެ މަޢުލޫމާތާއި ރައްޔިތުން ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް މީސް މީޑިއާގައި ހިއްސާ ކުރަށްވަމުންދާ ދިވެހި ޑަކްޓަރުންގެ ތެރޭ ހިމެނި ވަޑައި ގަންނަވާ ބޭފުޅެކެވެ.

މީގެ އިތުރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ޕްރެސް ބްރީފިންގައި ދެއްކެވި ވާހަކަ ތަރުޖަމާ ކުރައްވާ ޑރ ފައިސަލް ވަނީ ރައްޔިތުންނަށް ވަރަށް މުހިންމު މެސެޖެއް ދެއްވާފައެވެ.

"ކޮވިޑު ކަހަލަ މުޅި ދުނިޔެ ފަތަހަ ކުރަމުންދާ ބައްޔެއް ހުއްޓުމަކަށް ގެނައުމަށް އެންމެ މުހިންމު އެއްޗަކީ ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު. ދިރިއުޅުމުގައި ޢާއްމުކޮށް ކުރާ ކަންތައްތައް ބަދަލުކުރަން ބުނުމުން އެކަމަށް އިޖާބަދެނީ ސަރުކާރުން އެބުނާ ކަމެއް ކުރީމާ ނަތީޖާ ފެންނާނެތީ" އިތުރު ޓުވީޓެއްގައި ޑރ ފައިސަލް ބުނެފައިވެއެވެ.

ރާއްޖެއިން މިހާތަނަށް 86 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 41 ދިވެހިންނާއި، 45 ބިދޭސީންނެވެ. އަދި 16 މީހަކުވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ.

Advertisement

ކޮމެންޓް

Advertisement