ދީލަތިކަމާއި އޯގާތެރިކަން އިސްކޮށް މީހުންނަށް އެހީތެރިކަން ފޯރުވައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފި

23 Apr 2020 | 22:10

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ތިބެ ކުރިމަތިލާ މިރަމަޟާން މަހަކީ ދީލަތިކަމާއި އޯގާތެރިކަން އިސްކޮށް، މީހުންނަށް އެހީތެރިކަން ފޯރުވައި، އަޅައިލާ މައްސަރަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރައްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސްކުރެއްވީ 1441 ވަނަ އަހަރު ރަމަޟާން މަސް ފެށުމުގެ މުނާޞަބަތުގައި ޚަބަރު ފަތުރާ ފަޞީލަތްތައް މެދުވެރިކުރައްވައި ދެއްވެވި ޚިޠާބުގައެވެ.

މިކަމަށް އިލްތިމާސްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި މައްސަރުގައި އަޅުގަނޑުމެންގެ ކިބައިގައިވާ އިންސާނިއްޔަތުކަމުގެ މާތް ސިފަ ކުރިއަށް ނެރެ، ދުވަސްމީހުންނާއި ބަލި މީހުންނަށް ހެޔޮ ފޯރުވައި އުޅުމަށް އިސްކަންދިނުމަށްވެސް އެދިވަޑައިގަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އެމަނިކުފާނު ވަނީ މި ބަރަކާތްތެރި މައްސަރު ފެށުމުގެ އުފާވެރި މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ހިތުގެ އިޚްލާޞްތެރި ތަހުނިޔާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުވާފައެވެ. އަދި އެމަނިކުފާނުގެ ޚިޠާބުގައި މި މުނާސަބަތުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހައި މުސްލިމް އަޚުންނާއި އުޚުތުންނަށް ވެސް ވަނީ ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިރޭ ދެއްވި ޚިޠާބުގައި މިއަހަރުގެ ރަމަޟާން މަސް ބައްދަލުކުރި މި ދުވަސްވަރަކީ، މިއިން ޒަމާނެއްގައިވެސް އިންސާނުން ތަޖުރިބާކޮށްފައި ނުވާފަދަ ވަރުގަދަ އިމްތިޙާނަކާ ކުރިމަތިލާންޖެހިފައިވާ ދުވަސްވަރެއްގައިކަން ފާހަގަކުރައްވައި ކޯވިޑް19 “ގެ ބަލިމަޑުކަމާ ގުޅިގެން ދިރިއުޅުމުގެ ޢާންމު ޙަރަކާތްތައް ކުރިޔަށް ގެންދިއުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި މި ހިތާމައިގެ ދަނޑިވަޅުގައިވެސް، ރަމަޟާން މަސް ބައްދަލުކުރި ކަމީ، މިކަމުން އަރައިގަތުމަށް اللهُ سُبْحَانَهُ وَتَعَالَى މެދުވެރިކޮށްދެއްވި މަތިވެރި ނަސީބެއް ކަމުގައި ދެކިވަޑައިގަންނަވާކަމަށާއި، އިސްލާމްދީންވެސް ބާރުއަޅަނީ، އީމާންތެރިކަން ވަރުގަދަކޮށް ކެތްތެރިވެ، ސަބަބުތަކުގައި ހިފުމާއެކު، ﷲގެ ޙަޟްރަތުން މަދަދާއި ވާގިވެރިކަމަށް އެދުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރޯދަ މަހަކީ އަޅުކަމުގެ މޫސުމެއްކަން ފާހަގަކުރައްވަމުން ޤުރްއާން ކިޔެވުމާއި ދުޢާ ކުރުން ގިނަކޮށް، އަނެކުންނަށް ދީލަތިވުމާއި އެހީ ފޯރުވުންފަދަ ކަންކަން ކުރުމާއެކު، މި ދުވަސްތައް ހޭދަކުރަންވީ، ”ކޯވިޑް19“ ގެ ނުރައްކާތެރިކަން އަޅުގަނޑުމެންގެ ތެރެއިން ފިއްލަވައި، އަޅުގަނޑުމެންގެ ޢާންމު ދިރިއުޅުމުގެ ޙާލަތަށް އެނބުރި ދިޔުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި، اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތުގައި ދުޢާ ދެންނެވުމުގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިސްކިތްތައް ބަންދުކުރަން ޖެހިފައިވީނަމަވެސް ގޭގައި ތިބެގެންވެސް ފަރުޟު ނަމާދުތައް ބަރާބަރަށް އަދާކުރުމާއި ޤުރުއާންކިޔެވުމާއި އަޅުކަންތައް ކުރުމުގައި ދެމި ތިބުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

މުޅި ދުނިޔޭގެ އިޤްތިޞާދު ދަށްވުމުގެ ނަތީޖާ ރާއްޖެއަށްވެސް ކުރިމަތިވެފައިވާކަން ފާހަގަކުރައްވަމުން، ކުރިމަތިވެފައިމިވާ ދަތި ޙާލަތުގައި، އަނެކުންގެ ހިތާމަތައް ފިލުވައިދީ، ދީލަތިވެ އެހީތެރިކަން ފޯރުވުމަކީ، މި މާތް މައްސަރުގެ ދަރުމައާއި ޘަވާބު ފުރިހަމަ ގޮތުގައި ހޯދުމަށްޓަކައިވެސް ސަމާލުކަން ދޭންޖެހޭ ކަންތައްތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގެއިން ބޭރަށް ނުނިކުމެ، ކެތްތެރިކަމާއެކު މި ދަތިކަން ތަޙައްމަލުކުރުމަކީ، މި ނުރައްކަލުން އަރައިގަތުމަށް އޮތް އެންމެ ފަސޭހަ މަގުކަމަށާއި ރާއްޖެއިން ”ކޮވިޑް19“ގެ ނުރައްކާތެރިކަން ފިލައިގެން ނޫނީ، އިޤްތިޞާދީ ޙަރަކާތްތައް ވެސް ނުފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ، މި އުނދަގޫ ދަތި ޙާލަތުގައިވެސް، ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދީ، ރައްޔިތުންގެ އަސާސީ އަދި ޒަރޫރީ ބޭނުންތަކަށް މަގު ފަހިކޮށްދިނުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިކަން ކާމިޔާބު ކުރުމުގައި ރައްޔިތުންގެ އަތުގައި ހުރި ފުދުންތެރިކަމާއި ވަސީލަތްތައް، އެންމެ ފުރިހަމައަށް އިޤްތިޞާދުކޮށް، އިސްރާފުކުރުމާ މިވަގުތު މުޅިން ދުރުހެލިވުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވެސް ބޭކާރު ޚަރަދުތައް ހުއްޓާލުމާއި ފަހަށް ރައްކާކުރުމުގެ މަތިވެރި ސިފަ ހަރުލެއްވުމަށް، މި ޙާލަތުގެ ބޭނުން ހިފުމަށް ރައްޔިތުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ މިދުވަސްކޮޅު ގިނަބަޔަކު ގެއިން ނުނިކުމެ ތިބެން ޖެހުނަސް، އެހުރިހާ އެންމެންގެ ޙައްޤުގައި ޢާއިލާއާއި ގާތްތިމާގެ މީހުންނާ ވަކިންތިބެ، ޞިއްޙީ ޚިދުމަތްތެރިންނާއި، ސިފައިންނާއި ފުލުހުންނާއި، ޑެލިވަރީގެ ޚިދުމަތް ދޭ މީހުންނާއި، އެނޫންވެސް ކިތަންމެ ބަޔަކު، ކުރަމުން އެދަނީ، އަޅުގަނޑުމެންނަށް އެކަންކަމުގެ އަގު އަދާކުރެވޭ ވަރަށްވުރެ މަތިވެރި ޚިދުމަތްތަކެއްކަން ފާހަގަކުރައްވާފައެވެ. އެމަނިކުފާނުގެ ޚިޠާބު ނިންމަވާލައްވާފައި ވަނީ އަޅުގަނޑުމެން އެންމެނަށް މި މައްސަރުގެ މަތިވެރި ޘަވާބާއި ދަރުމަ މިންވަރުކޮށްދެއްވުމަށާއި އަދި މި ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާ اللهُ سُبْحَانَهُ وَتَعَالَى ދުޢާ ދަންނަވަމުންނެވެ.

Advertisement

ކޮމެންޓް

Advertisement