ކުލި ނުދެއްކިގެން ގެއިން ނެރޭ ފަރާތްތަކަށް ދައުލަތުން އެހީތެރިކަން ފޯރުކޮށްދޭނަން: މަބްރޫކް

24 Apr 2020 | 00:00

މި ދުވަސްވަރުގައި ކުލި ނުދެއްކުމުގެ ސަބަބުން މާލޭގެ ގެތަކުންނާއި ކުއްޔަށް ހިފާފައިވާ އެހެނިހެން ތަންތަނުން ބޭރުކުރާ ފަރާތްތަކަށް ދައުލަތުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ބުނެފިއެވެ.

މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވޮއިސްގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މި ހާލަތުގެ ތެރޭގައި ކުލި ނުދެއްކިގެން ގެއިން ނެރެލާ ފަރާތްތަކަށް ދައުލަތުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

އެގޮތުން އެފަރާތްތަކަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ކާބޯތަކެތި ފޯރުކޮށްދެމުންދާކަމަށް މަބްރޫކް ވިދާޅުވިއެވެ.

މި ހާލަތުގައި އެފަރާތްތައް ގެއިން ނެރުން ހުއްޓުވުމުގެ ގާނޫނެއް ހެދުމުގެ ވިސްނުން ސަރުކާރުގެ ކިބައިގައި ނެތްތޯ ސުވާލުކުރުމުން އެބޭފުޅާ ވަނީ މީހުން ގެއިން ނެރެމުން ދިއުމާއި މެދު މިވަގުތު އިތުރު ނިންމުމެއް ނެތްކަމަށް ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ދުވަސްވަރު ކުލި ނުދެއްކިގެން ގެއިން ނެރެލާ ފަރާތްތަކުގެ އަދަދު ދަނީ އިތުރުވަމުންނެވެ. މި ފަރާތްތަކަށް އެހީވުމަށް ދައުލަތުން މަސައްކަތްތަކެއް ކުރަމުންދާއިރު، އޭގެ ސަބަބުން ދައުލަތަށް އިތުރު ބުރަތަކެއް އުފުލަން ޖެހޭނެކަމަށް ގިނަބަޔަކު ދަނީ ސުވާލު ކުރަމުންނެވެ. އަދި ކުލި ނުދެއްކިގެން މީހުން ގެއިން ނެރުން ހުއްޓުވޭފަދަ ގާނޫނެއް ތައާރަފްކުރުމަށް ދަނީ ގޮވާލަމުންނެވެ. 

Advertisement

ކޮމެންޓް