Advertisement

ރާއްޖެ ބޭރުދުނިޔެއަށް ހުޅުވާލެވޭނެކަމަށް ބެލެވެނީ ޖުލައިމަހުގައި: މިނިސްޓަރ އަމީރު

25 Apr 2020 | 14:18

ރާއްޖޭއަށް އަންނަ ބޭރުގެ ފަރާތްތަކަށް އޮން އެރައިވަލް ވިސާ ދޫކުރަން ފެށޭނީ މި ޖުލައި މަހުކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވީ މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. އަމީރު ވިދާޅުވީ ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވީޑް-19 އާއި ގުޅިގެން ގައުމުގެ އިގްތިސާދަށް ދަނީ ބޮޑެތި ގެއްލުން ލިބެމުންކަމަށެވެ. އެގޮތުގެ މަތިން ފަތުރުވެރިކަން ވަނީ މުޅިން ހުއްޓިފައިވާކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ ގައުމަށް ލިބެމުންދާ އިގްތިސާދީ ގެއްލުން 5 އަންދާޒާއަކަށް ބަހާލާފައިވާކަމަށެވެ. އަދި އޭގެރެއިން މިވަގުތު ރާއްޖޭގެ ހާލަތު އޮތީ 3 ވަނަ އަންދާޒީ ހާލަތުގައި ކަމަށް ވިދާޅުވިއެވެ.

އެގޮތުން ބަލާލާއިރު 3 ވަނަ އަންދާޒީ ހާލަތުގައި ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލެވޭނީ މިއަހަރުގެ ޖުލައިމަހުގައެވެ. އަދި މިހާލަތުގައި ރާއްޖޭގެ ފަތުރުވެރިކަން ހުންނާނީ 50 އިންސައްތައިގައެވެ. ސަރުކާރުން މީގެ ކުރިންވަނީ މިއަހަރު ރާއްޖޭގެ ފަތުރުވެރިކަން 8 ޕަސެންޓްގެ ކުރިއެރުމެއް ލިބޭނެކަމަށް ލަފާކޮށްފައެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެމުން ދިއުމާއެކު މިހާރުވަނީ ރާއްޖޭގެ ބޯޑަރ ބަންދުކުރެވިފައެވެ.

ފަތުރުވެރިން އައުން ހުއްޓުމާއި ގުޅިގެން ރާއްޖޭގެ ގިނަ ރިސޯޓުތައް ވަނީ ބަންދުކޮށް މުވައްޒަފުން ޗުއްޓީއަށް ފޮނުވާފައެވެ.

Advertisement

ކޮމެންޓް