މާލެއަށް އައީ އިދާރާތަކުގެ ހުއްދަ ނަގައިގެން: ރިޔާޒް

26 Apr 2020 | 18:29

ތ.ތިމަރަފުށީގައި ހުރުމަށްފަހު އަލުން އަނބުރާ މާލެއަށް އައީ ކަމާއިބެހޭ އިދާރާތަކުގެ ހުއްދަ ނަގައިގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިފަދައިން ވިދާޅުވީ މިއަަދު ހެނދުނުގެ ވަގުތެއްގައި ތިމަރަފުށިން މާލެއަށް ވަޑައިގަތް ވާހަކަ ޓްވީޓްކުރެެއްވުމުން ލިބެމުންދިޔަ ފާޑުކިޔުންތަކާއި ގުޅިގެން ވޮއިސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މެންބަރު ރިޔާޒް ވިދާޅުވީ އެބޭފުޅާ މިމަހުގެ 11ވަނަ ދުވަހު ތިމަރަފުއްޓަށް ވަޑައިގެންނެވީ 15ވަނަ ދުވަހުގައި އެނބުރި މާލެއަށް އައުމަށް ޓިކެޓެއް ނެންގެވުމަށް ފަހުގައި ކަމަށެވެ. އެއީ މާލެ ލޮކްޑައުންއަކަށް ދިޔަ ދުވަސްކަން ފާހަގަކުރައްވާ ރިޔާޒް ވިދާޅުވީ މާލެ ލޮކްޑައުންއަކަށް ދިޔައީ އެބޭފުޅާ ޗެކިންގވެސް ފުރިހަމަކުރެއްވި ފަހުން ކަމަށެވެ.

ރިޔާޒް އިތުރަށް ވިދާޅުވީ އެބޭފުޅާ މާލެއަށް ވަޑައިގެންނެވީ ކަމާއިބެހޭ އިދާރާތަކުގެ ހުއްދައާއި އެކުގައި ކަމަށެވެ. އެގޮތުން އައުމުގެ ހުއްދައަށް އެދިވަޑައިގެން އީމެއިލް ކުރެއްވީ މިމަހުގެ 17 ވަނަ ދުވަހުގައި ކަމަށާއި ހުއްދަ ލިބިވަޑައިގެންނެވީ އިއްޔެކަމަށްވެސް ހާމަކުރެއްވިއެވެ.

ލޮކްޑައުންއާއި ގުޅިގެން އަތޮޅުތެރޭގެ ރަށްތަކުގައި މާލެއަށް ނާދެވި ތާށިވެފައިވާ ގިނަ ފަރާތްތަކެއް ތިބިކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެފަދަ ފަރާތްތަކަށް މާލެއަށް އައުމުގެ ހުއްދަ ނުލިބި މެންބަރު ރިޔާޒަށް މާލެއަށް އައުމުގެ ހުއްދަ ލިބުމުން ގިނަބަޔަކު ދަނީ އެކަމާއި ދެކޮޅަށް މީސް މީޑިޔާގައި އަޑު އުފުލަމުންނެވެ. 

Advertisement

ކޮމެންޓް