ކަރަންޓީން ފެސިލިޓީތަކަށް މީހުން ގެންދާއިރު އެއްބާރުލުން ނުދޭކަމުގެ ޝަކުވާތަކެއް!

26 Apr 2020 | 20:52

ކޮވިޑް-19 އާއި ގުޅިގެން ކަރަންޓީން ފެސިލިޓީތަަކަށް ގެންދާ ބައެއް ފަރާތްތަކުން އެތަންތަނަށް ގެންދެވޭ ހިނދު ކަމާއި ބެހޭ އިދާރާތަކަށް އެއްބާރުލުން ނުދޭ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.

ވޮއިސްއަށް މައުލޫމާތުދިން މޯލްޑިވިއަންގެ މުވައްޒަފަކު ބުނިގޮތުގައި ކަރަންޓީން ފެސިލިޓީތަކަށް މީހުން ގެންދިއުމަށްޓަކައި ވަކި ގަޑިއަކަށް ތައްޔާރުވާން އެޗްޕީއޭއިން އަބަދުވެސް ކަރަންޓީން ވާންޖެހޭ ފަރާތްތަކަށް އަންގައެވެ. ނަމަވެސް ބައެއް ފަރާތްތަކުން އެގަޑީގައި ދިއުމަށް ދެކޮޅު ހަދާ، މެންދުރު ދޭއް ޖަހާއިރަށް ތައްޔާރުވުމުގެ ބަދަލުގައި ހަވީރު ނޫނީ ރޭގަނޑު ދެވޭނެތޯ އަހާކަމަށް ވަނީ ބުނެފައެވެ. މިކަމުގެ ސަބަބުން އެފަރާތްތައް ގެއިން ނެރެން ޖެހެނީ ގިނަ މަސައްކަތްތަކެއް ކުރުމަށް ފަހުގައިކަމަށް އެ މުވައްޒަފު މައުލޫމާތު ދިނެވެ.

މިފަދަ ބައެއް ފަރާތްތަކުގެ އަމަލުގެ ސަބަބުން ގިނަ ބައެއްގެ ގިނަ ވަގުތުތަކެއް އިސްރާފުވެގެންދާކަމަށް އެ މުވައްޒަފު ފާހަގަކުރިއެވެ. އެގޮތުން އެފަރާތްތަކުގެ ގެކައިރީގައި އެމްއެންޑީއެފްގެ ވެހިކަލް ގިނައިރުތަކެއް ވާންދެން އޮންނަން ޖެހުމާއި، ސީޕްލޭންގެ މުވައްޒަފުން ޕްރޮޓެކްޓިވް ގިއަރުގައި ގިނަ އިރު ތިބެންޖެހޭކަމަށް ވޮއިސްއަށް މައުލޫމާތުދިން ފަރާތުން ބުންޏެވެ.

މީގެ އިތުރުން ކަރަންޓީން ފެސިލިޓީތަކަށް ގެންދެވޭ ފަރާތްތަކުން ސީޕްލޭންގެ ތެރޭގައި އަމަލުކުރަން ބުނާ އުސޫލުތަކަށް ބައެއް ފަހަރު ތަބާނުވާކަމަށްވެސް އެ މުވައްޒަފު ބުންޏެވެ. އެގޮތުން ދަތުރުގެ ހުރިހާ ވަގުތެއްގައިވެސް މާސްކް އަޅައިގެން ތިބުމަށް ބުނި ނަމަވެސް، ދަތުރުގެ ވަކި ހިސާބަކުން މާސްކް ނަގާ މައްސަލަތައް ފެންމަތިވެފައިވާ ކަމަށް އޭނާ ބުންޏެވެ.

ސީޕްލޭންތަކުގެ ކޮކްޕިޓާއި އާންމުން ތިބޭ ބައި ވަކި ދޮރަކުން ވަކިވެފައި ނުވާއިރު، އޯޕަން ވެންޓިލޭޝަން ހުންނަ ތަނެއްގައި މާސްކް ނާޅާއި ތިބުމުން ސީޕްލޭންގެ މުވައްޒަފުންނަށް ނުރައްކާ އޮންނާނެކަމަށް އެފަރާތުން ފާހަގަކުރިއެވެ.

މިކަމާއި ގުޅިގެން ވޮއިސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މޯލްޑިވިއަންގެ މާކެޓިންގ މެނޭޖަރ މޫސާ ވަސީމް ވިދާޅުވީ ކަރަންޓީނަށް ގެންދަނީ އިގުރާރެއްގައި ސޮއިކުރެވިގެން ކަމަށާއި، އެ އިގްރާރުގައި ފެސިލިޓީއަށް ގެންދެވެންދެންވެސް އެއްބާރުލުން ދޭންޖެހޭނެކަމަށް ބުނެފައިވާނެ ކަމަށެވެ. އަދި ނިންމާލަމުން އެއްބާރުލުން ނުދޭ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށް ބުނެފައިވާނެކަމަށް މޫސާ ފާހަގަކުރިއެވެ.

އަދި އެގޮތުން ފިޔަވަޅު އެޅުމުގެ ބާރު އޮންނާނީ އެޗްޕީއޭގެ ކިބައިގައިކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް