ދިވެހިރާއްޖޭގައި ކަރަންޓީން ފެސިލިޓީތައް ގާއިމްކުރުމަށް ޗައިނާގެ ކުންފުނިތަކުން އެހީވާން ފަށައިފި

27 Apr 2020 | 13:56

ދިވެހިރާއްޖޭގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުންދިއުމާއި ގުޅިގެން މީހުން ކަރަންޓީންކުރުމަށް ގާއިމްކުރަން ޖެހޭ ތަންތަން ހެދުމަށް ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ޗައިނާގެ ކުންފުނިތަކުން އެހީވާން ފަށައިފިއެވެ.

މިކަން ވަނީ ޗައިނާގެ ފަރާތުން ދިވެހިރާއްޖޭގައި ހުންނަވާ ސަފީރު ޝާންގ ލިޝޮންގ ޓްވިޓަރ މެދުވެރިކޮށް ހާމަކުރައްވާފައެވެ.

އެގޮތުން އެބޭފުޅާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ސަރުކާރުގެ ގޮވާލުމަށް އިޖާބަދިނުމުގެ ގޮތުން، ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން ކުންފުނީގެ ފަރާތުން 800މީހުންނަށް ތިބެވޭނެ ޖާގަ އޮންނަ ކަރަންޓީން ފެސިލިޓީއެއް ބޭނުންވާނެ ތަކެއްޗާއި އެކު 100 މަސައްކަތްތެރިން ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިއީ ވަގުތާއި ދެކޮޅަށް ކުރަންޖެހޭނެ ރޭހެއްގެ ގޮތުގައި ސަފީރު ސިފަކުރެއްވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން ކުންފުންޏަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫޢުގެ ފްލެޓްތައް އެޅި ކުންފުންޏެވެ.

މީގެ އިތުރުން 327 މީހުންގެ ޖާގައިގެ ކަރަންޓީން ފެސިލިޓީއެއް ހެދުމަށް އެހީވުމަށް އެއާޕޯޓުގެ ރަންވޭގެ މަސައްކަތް ކުރި ބެއިޖިންގ އާބަން ކޮންސްޓްރަކްޝަން ގްރޫޕުން 40 މަސައްކަތްތެރިންގެ ޓާސްކްފޯހެއް އެކުލަވާލާފައިވާކަމަށްވެސް ސަފީރު ވަނީ ހާމަކުރައްވާފައެވެ. 

ކޮވިޑް-19 ފެތުރެމުންދިއުމާއި ގުޅިގެން ޗައިނާގެ ފަރާތުން ދަނީ ދުނިޔޭގެ އެކި ގައުމުތަކަށް ފަންނީ އެހީތެރިކަމާއި ތަކެތީގެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ދިވެހިރާއްޖެއަށްވެސް ޓެސްޓް ކިޓާއި، ޕީޕީއީ ދޭނެކަމަށް އެ ގައުމުން ވަނީ ވައުދުވެފައެވެ.

Advertisement

ކޮމެންޓް

Advertisement