ފްލޯޓިންގ ހޮސްޕިޓަލެއް ގެންނާނީ އަޅުގަނޑުމެންގެ ދިފާއު ފޫއަޅުވާލުމުން: އަލީ ވަހީދު

27 Apr 2020 | 16:00

ކޮވިޑް-19 ގެ ކަންތައްތަކާއި ގުޅިގެން ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ފްލޯޓިންގ ހޮސްޕިޓަލެއް ގެންނާނީ ބައްޔާއި ދެކޮޅަށް ރާއްޖެއިން ގާއިމްކޮށްފައިވާ ދިފާއު ފޫއަޅުވާލުމުން ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ މިއަދު މެންދުރުފަހު ދަރުބާރުގޭގައި އެންއީއޯސީގެ ފަރާތުން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ގައުމު ކޮންމެ ހާލަތަކަށް ދިޔަ ކަމުގައިވިޔަސް، ސިފައިންނާއި ފުލުހުންނާއި ސިއްހީ މަސައްކަތްތެރިން ތިބިކަން މިހާތަނަށް ސާބިތުކޮށްދެމުންދާ ކަމަށެވެ. އަދި މިހާތަނަށް ބޭރުގެ އެހީ ހޯދަން ޖެހޭ ހާލަތެއް ނާންނަ ކަމަށާއި، އެހެން ބަޔަކު އަންނާނީ އަޅުގަނޑުމެން ވެއްޓުނީމައިކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އަލީ ވަހީދު ވަނީ މިވަގުތު ފްލޯޓިންގ ހޮސްޕިޓަލެއް ގެންނަން ޖެހޭ ފަދަ ހާލަތެއް ނެތްކަމަށް ވިދާޅުވެފައެވެ.

"ފްލޯޓިން ހޮސްޕިޓަލެއް ގެންނަން ޖެހޭ ހާލަތު އަންނާނީ އަޅުގަނޑުމެންގެ ދިފާއު ފޫ އަޅައިގެން ދިޔައީމަ"، މިނިސްޓަރ ވިދާޅުވިއެވެ.

އެބޭފުޅާ ވިދާޅުވީ ސިފައިންނާއި ފުލުހުންނާއި ޑޮކްޓަރުން ތިބީ ރިސްކު ނަގައިގެން މިކަމުން ގައުމު ސަލާމަތް ކުރަންކަމަށާއި މަސައްކަތް ކުރަމުންދަނީ ފްލޯޓިން ހޮސްޕިޓަލެއް ގެންނަން ނުޖެހޭވަރު ކުރުމަށް ކަމަށެވެ. 

Advertisement

ކޮމެންޓް