އިންޑިޔާއިން ކަރަންސީ ސްވޮޕްގެ ދަށުން ދިވެހިރާއްޖެއަށް 150 މިލިޔަން ޑޮލަރު ދީފި

28 Apr 2020 | 17:18

އިންޑިޔާ ސަރުކާރުން ކަރަންސީ ސްވޮޕްގެ ދަށުން ދިވެހިރާއްޖެއަށް 150 މިލިޔަން ޑޮލަރު ދީފިއެވެ.

ދިވެހިރާއްޖޭގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަނުން ބުނީ ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖެއަށް ދިމާވެދާނެ މާލީ އަދި އިޤްތިޞާދީ ގެއްލުންތަކުން ސަލާމަތް ވުމަށް އެހީއެއްގެ ގޮތުން އިންޑިއާއިން ވަނީ ދެގައުމުގެ ދެމެދުގައިވާ 'ކަރަންސީ ސްވޮޕް' ނުވަތަ ފައިސާ ބަދަލުކުރުމުގެ އެއްބަސްވުން އެކްޓިވޭޓްކުރެވިފައިވާ ކަމަށެވެ.

މިގޮތުން، 2019 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ސޮއި ކުރެވުނު 400 މިލިއަން އެމެރިކާ ޑޮލަރުގެ 'ކަރަންސީ ސްވޮޕް' އެއްބަސްވުމުގެ ދަށުން، 150 މިލިއަން ޑޮލަރުގެ ބޭރު ފައިސާގެ ސްވޮޕް ފެސިލިޓީއެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އާ ހަވާލު ކުރެވެވޭނެކަމަށް ވަނީ ބުނެފައެވެ.

400 މިލިއަން ޑޮލަރުގެ މި ސްވޮޕް އެއްބަސްވުމަކީ 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ސޮއި ކުރެއްވި 1.4 ބިލިއަން ޑޮލަރުގެ އިގްތިސާދީ ޕެކޭޖުގެ ބައެކެވެ.

މި 1.4 ބިލިއަން ޑޮލަރުގެ އިޤްތިޞާދީ އެހީތެރިކަމުގެ ޕެކޭޖްގެ ދަށުން ލިއްބައިދޭ އެހީތަކުގެ ތެރޭގައި ހިމެނޭ ބައިތަކުގެ ދަށުން ސީދާ ބަޖެޓް ސަޕޯޓުގެ ގޮތުގައި 50 މިލިއަން ޑޮލަރުގެ އެހީ 2019 ވަނަ އަހަރު ފޯރުކޮށްދެވިފައިވެއެވެ. އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާއިން އެމް.އެމް.އޭ އަށް 150 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑްގެ ސަބްސްކްރިޕްޝަން 2019 ވަނަ އަހަރު ފޯރުކޮށްދެވިފައިވެއެވެ.

މީގެ އިތުރުން ދިވެހި ސަރުކާރުން ހިންގާ ޕްރޮޖެކްޓްތައް ފަންޑުކުރުމަށްޓަކައި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ދޫކުރެވިފައިވެއެވެ. މި ލައިން އޮފް ކްރެޑިޓްގެ ދަށުން މިހާތަނަށް ބޮޑު 8 މަޝްރޫޢެއް ހިންގިފައިވެއެވެ.

އިންޑިއާ ސަރުކާރުން ގެންދަވަނީ ދިވެހިރާއްޖެއަށް ދޫކުރެވިފައިމިވާ ކަރަންސީ ސްއޮޕް ފެސިލިޓީގެ މުއްދަތު އަދި އެއް އަހަރަށް އިތުރުކުރުމާއިމެދު މަޝްވަރާ ކުރަމުންނެވެ. ސާކް ގައުމުތަކުގެ ތެރެއިން، އިންޑިއާއިން 400 މިލިއަން ޑޮލަރުގެ މިފަދަ ސްވޮޕް ފެސިލިޓީއެއް ދޫކޮށްފައިވަނީ ހަމައެކަނި ދިވެހިރާއްޖެ އަށާއި ބޫޓާންއަށެވެ

Advertisement

ކޮމެންޓް