Advertisement

މަރުހޫމާގެ މަރުގެ މައްސަލައިގައި ސަރުކާރުގެ ފަރުވާކުޑަވުން އޮތްކަމަށް ބެލެވޭ: އިދިކޮޅު

01 May 2020 | 18:57

ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖެއިން ރޭ ނިޔާވި މަރުހޫމާގެ މަރުގެ މައްސަލައިގައި ސަރުކާރުގެ ފަރުވާކުޑަވުން އޮތްކަމަށް ބެލެވޭކަމަށް އިދިކޮޅު ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ ރޭ ނިޔާވި އާމިނަތު އާދަމަކީ ކޯވިޑް 19 އަށް ޕޮސިޓިވް މީހެއްކަން އެނގިގެން ދިޔައީ އޭނަ ނިޔާވި ފަހުން ކަމަށް ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ކަމަށާއި، އަދި ދާއިމި ގޮތެއްގައި ބައެއް ބަލިތަކަށް ބޭސް ކުރަމުންދާ ޢުމުރުން ދުވަސްވީ މީހަކަށްވެ، ކޯވިޑް 19 އަށް ޕޮސިޓިވް ވެފައިވާ މީހަކާއި ގުޅުން ހުރި ފަރާތަކަށް އާމިނަތު އާދަމް ވީ އިރު، އޭނަ ގޭގައި މޮނިޓަރިންގ އަށް ބެހެއްޓުމަކީ ސުވާލު އުފެދޭ ކަމެއްކަމަށެވެ.

އަދި މަރުހޫމާގެ ފަރާތުން ކޮވިޑް19 ގެ ޢަލާމަތްތައް ފެނި، ހާލު ބޮޑުވެގެން އޭނާގެ ސާމްޕަލް ނަގާ ޓެސްޓް ހެދުމަށް ޢާއިލާއިން އެދުނު ނަމަވެސް އެކަން ކުރުން ލަސްވެގެން ދިއުމަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއްކަމަށް ވަނީ ބުނެފައެވެ. އަދި މި ހިތްދަތި ހާލަތު ދިމާވުމުގައި ސަރުކާރުގެ ފަރާތުން މިކަމަށް ދޭންޖެހޭ ސަމާލުކަން ކުޑަވުމާއި ފަރުވާ ކުޑަކުރުން އޮތްކަން ވަރަށް ބޮޑަށް ފާހަގަވާކަމަށް ވަނީ ބުނެފައެވެ. އަދި އެކަން އެ ކޯލިޝަންގެ ފަރާތުން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށްވެސް ވަނީ ބުނެފައެވެ.

"ކުރިއަށް އޮތްތަނުގައިވެސް މިފަދަ ކަންކަން ތަކުރާރު ނުވާނެ ފަދަ ގޮތަކަށް ކަންކަން އިންތިޒާމު ކުރައްވާ، ޢުމުރުން ދުވަސްވީ މީހުންނާއި، ދާއިމީ ގޮތެއްގައި ބަލިތަކަށް ބޭސް ކުރަމުން ގެންދާ ފަރާތްތަކާމެދު ޚާއްސަ ސަމާލު ކަމެއް ދެއްވާ އެފަދަ ފަރާތްތަކުގެ ކިބައިން ވައިރަސްގެ އަސަރު ނުވަތަ ޢަލާމާތެއް ފެނިއްޖެނަމަ، އެފަރާތްތަކުގެ ފަރުވާގެ ކަންކަމުގައި ފަރުވާކުޑަ ނުކުރުމަށް އިބްރާހީމް މުޙައްމަދު ޞާލީޙްގެ ސަރުކާރަށް އިލްތިމާސް ކުރަމެވެ"، ބަޔާނުގައި ބުންޏެވެ.

އަދި ބައްޔަށް ޝައްކު ކުރެވޭ ފަރާތްތައް ޓެސްޓު ކުރުމާއި، ބަލީގެ ސަބަބުން ފުރާނައަށް ނުރައްކާވެދާނެ ފަދަ ފަރާތްތަކުގެ ސާމްޕަލް ނެގުމަށްފަހު ނަތީޖާ ލިބެންދެން މަޑު ކުރެއްވުމުގެ ބަދަލުގައި، އެފަދަ ފަރާތްތައް ވިހާވެސް ގާތުން މޮނިޓަރ ކުރެވޭނެފަދަ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސަވާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ދެވޭ ސަމާލުކަން އިތުރުކުރައްވާ، އެޅޭ ފިޔަވަޅުތައް މިހާރަށްވުރެ ހަރުދަނާ ކުރެއްވުމަށް ވަނީ ގޮވާލާފައެވެ. 

Advertisement

ކޮމެންޓް

Advertisement