ޚާއްސަ ވިސާގެ ދަށުން ރާއްޖެއަށް އަންނަ ފަރާތްތަކުުން އަމަލުކުރާނެ ގޮތެއް ކަނޑައަޅައިފި

03 May 2020 | 04:07

ޚާއްސަ ވިސާގެ ދަށުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ރާއްޖެއިން ބޭރުގެ ފަރާތްތަކުން އަމަލުކުރަން ޖެހޭނެ އުސޫލެއް ކޮވިޑް-19ގެ ކަންތައްތަކުގައި އެކުލަވާލާފައިވާ ޓެކްނިކަލް އެސިސްޓެންޓް ގްރޫޕް، ޓެގްއިން ކަނޑައަޅައިފިއެވެ.

މި އުސޫލު ވަނީ ރޭ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ފަރާތުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އިއުލާންކޮށްފައެވެ. މި އުސޫލު ހިނގާނީ ޚާއްސަ ވިސާއެއްގެ ދަށުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ރިސޯޓްތަކުގެ ވެރިންނާއި، އިންވެސްޓަރުން، ބައިނަލްއަގްވާމީ ޖަމްއިއްޔާތަކުގެ އޮފިޝަލުންނާއި އަދި ބޭރު ގައުމުތަކުގެ ޚާރިޖީ އޮފިޝަލުންނަށެވެ.

މި އުސޫލުގެ ދަށުން އެފަރާތްތައް ދިވެހިރާއްޖެއަށް އަންނަތާ 24 ގަޑިއިރުގެ ތެރޭގައި ޓެސްޓެއް ހަދަން ޖެހޭނެއެވެ. އަދި ރާއްޖޭގައި ހުންނަތާ 14 ދުވަސް ވުމުންވެސް ޓެސްޓެއް ހަދަން ޖެހޭނެއެވެ. އެފަރާތްތައްވެސް 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަކުރަން ޖެހޭއިރު، އެހެން ރަށަކަށް ނުދެވޭނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިގޮތަށް އަންނަ ރިސޯޓްތަކުގެ ވެރިންނަށް އެ ފަރާތްތަކުގެ ރިސޯޓްތަކުގައި ތިބުމުގެ ފުރުސަތު އޮންނާނެއެވެ. 

މިގޮތަށް އަންނަ ފަރާތްތަކަށް ޚިދުމަތްދޭން ތިބެންވާނީ ވީހާވެސް މަދު އަދި އެއް ބައެކެވެ. އެ ފަރާތްތައްވެސް އެރަށުން ފޭބޭނީ މިހާރުވެސް އޮންނަ އުސޫލުން ޚިދުމަތްދިން ފަރާތް ފުރާތާ 14 ދުވަސްވުމުންނެވެ.

Advertisement

ކޮމެންޓް