އިގްތިސާދީ ދަތިކަމުގައި ފްރީލާންސަރުންނަށް ސަރުކާރުން ގޮތެއް ހޯދައިދޭންޖެހިފައި!

04 May 2020 | 14:21

ދިވެހިރާއްޖޭގެ އިގްތިސާދީ އޮނިގަނޑު ބިނާވެފައިވާގޮތުން ބައެއް ފަރާތްތަކަކީ ވަކި ފަރާތަކާއި އެކު ޚާއްސަ ކޮންޓްރެކްޓެއް ހެދުމަކާއި ނުލައި، ލިބިފައިވާ ހުނަރެއްގެ ބޭނުން ހިފައިގެން އާމްދަނީ ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކެކެވެ. މިފަދަ ފަރާތްތަކަށް އިނގިރޭސިބަހުން ކިޔައި އުޅެނީ ފްރީލާންސަރުންނެވެ. 

ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ދިވެހިރާއްޖޭގެ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާއިރު، އެކަމުގެ އަސަރު ކުރާނެ އެއް ބަޔަކަށް ވެގެންދާނީ މިފަދަ ފްރީލާންސަރުންނެވެ. ސަބަބަކީ މާލެ ސިޓީގެ ލޮކްޑައުންއާއި ފަތުރުވެރިކަން ހުއްޓިގެން ދިއުމާއި ގުޅިގެން އެފަރާތްތައް އާމްދަނީ ހޯދާނެ މަގުތައް ހަނިވެގެން ދިއުމެވެ. މިފަދަ ބައެއް ފަރާތްތަކަށް އާމްދަނީ ލިބޭނެ ހުރިހާ މަގުތަކެއް ބަންދުވެ، މާލީ ބޮޑެތި ދަތިތަކާއި ކުރިމަތިލަމުންދާކަންވެސް ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި ބޭކަރުން، ކެއްކުންތެރިން، ލަވަކިޔުންތެރިން، މޫސީގާރުން، މޭކަޕް ކުރާ ފަރާތްތައް، ލިޔުންތެރިން، ފޮޓޯގްރާފަރުން އަދި ކުރެހުންތެރިން ފަދަ އެތައް ބަޔެއް ހިމެނެއެވެ.

އަދި މީގެ އިތުރުން ކޮންމެ ދުވަހަކު މާލޭގެ އެތައްހާސް ބަޔަކު އެއްތަނުން އަނެއްތަނަށް އުފުލައި ދިނުމުގެ މަސައްކަތް ކުރާ ހީވާގި ޓެކްސީ ޑްރައިވަރުންވެސް ހިމެނެނީ ފްރީލާންސަރުންގެ ގޮތުގައެވެ.

މި ހުރިހާ ފަރާތްތަކަށް މާލީގޮތުން ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާއިރު، ދާދިފަހުން އޮތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވި ވާހަކަފުޅަކާއި ގުޅިގެން ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ. 

މިނިސްޓަރ ފައްޔާޒް ވިދާޅުވީ އަމިއްލަ މަސައްކަތް ކުރާ ފަރާތްތައް ނުވަތަ ސެލްފް އެމްޕްލޯއިޑް ފަރާތްތައް ދެނެގަތުމަކީ އުނދަގޫ ކަމެއްކަމަށެވެ. އެގޮތުން އަމިއްލަ މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ދެވޭނޭ މިންވަރަށް ދައުލަތުގައި ފައިސާއެއް ނެތްކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ހުރީ ލިމިޓެޑް ފަންޑްސް. އަންލިމިޓެޑް ފަންޑްސް ހުރިނަމަ އެއްވެސް ޖެހިލުމެއް ނެތް ހުރިހާ ރައްޔިތުންނަށް އެ ފޯރުކޮށްދޭން، އެމްޕްލޯއިޑް ވިޔަސް އަންއެމްޕްލޯއިޑް ވިޔަސް." މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

އެހެންކަމުން ސެލްފް އެމްޕްލޯއިޑް ފަރާތްތަކަކީ ކޮބައިކަން ކަނޑައެޅޭނެ ގޮތްތަކެއް ބަލަމުންދާކަމަށް ފައްޔާޒް ވަނީ ހާމަކުރައްވާފައެވެ. އިގްތިސާދީ ހަމަތަކުން ބަލައިފިނަމަ މިނިސްޓަރގެ ވާހަކަފުޅުގައި މުހިންމު ނުކުތާތަކެއް އެބަހުއްޓެވެ. ފްރީލާންސް މަސައްކަތްކުރާ ފަރާތްތައް ކަނޑައެޅުމަކީ ފަސޭހަކަމެއް ނޫނެވެ. އެއީ ފްރީލާންސްކޮށް މަސައްކަތްކުރާ މީހުންގެ އަދަދާއި ބާވަތްތައް ދިވެހި އިގްތިސާދުގައި ގިނަކަމުގެ ސަބަބުންނެވެ. އަދި އެ ހުރިހާ ފަރާތްތަކަށް ދޭނެ ވަރަކަށް ދައުލަތުގެ ކިބައިގައި ފައިސާ ނެތުމަކީވެސް މިފަދަ ނާޒުކު އިގްތިސާދީ ފައްތަރެއްގައި ވެދާނެ ކަމެކެވެ.

އެހެނަސް، އެކަމާއި މެދު ފްރީލާންސަރުންގެ މެދުގައި ބޮޑެތި އަދި ގަބޫލުކުރެވޭނެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.


ފްރީލާންސަރުންގެ ޝަކުވާތައް، ޒަކިއްޓޭގެ ދުލުން:

މިނިސްޓަރގެ މި ބަސްތަކާއި ގުޅިގެން ފްރީލާންސަރެއްގެ ހައިސިއްޔަތުން އެންމެ ފުރަތަމަވެސް މީސް މީޑިޔާގައި އަޑު އުފުލަން ފެށި އެއް ފަރާތަކީ ޒުވާން ލަވަކިޔުންތެރިޔާ ހަސަން އިރުފާން، ނުވަތަ ޒަކިއްޓޭއެވެ.

ވޮއިސްއާއި ވާހަކަދައްކަމުން ޒަކިއްޓޭ ބުނިގޮތުގައި ހުރިހާ ފްރީލޭންސަރުންނަށް ދޭނެވަރަށް ސަރުކާރުގެ ކިބައިގައި ފައިސާ ނެތްކަން ވަރަށް ގިނަ ފްރީލޭންސަރުން އަމިއްލައަށްވެސް ގަބޫލުކުރާ ކަމަށެވެ. ނަމަވެސް ހުރިހާ މުއްސަނދިންވެގެން ދިވެހިރާއްޖެއަށް އަޅާލާ ބަލަންވީ ވަގުތުގައި މިއަދު ފެންނަމުންދަނީ ހުރިހާ އެންމެން ފިލާތިބި މަންޒަރުކަމަށް އޭނާ ބުންޏެވެ. ނަމަވެސް މި ހާލަތުގައިވެސް ފްރީލާންސަރުންނަށް އެހީތެރިވެދޭ ފަރާތްތަކަށް ޝުކުރު އަދާކުރާކަމަށް ޒަކިއްޓޭ ބުންޏެވެ.

އަދި ސިޔާސީ ފަރާތްތަކުންވެސް ސިޔާސީ ހަރަކާތްތަކުގައި ތަފާތު ހުނަރުތަކުގެ ފްރީލާންސަރުންގެ އެހީ ބޭނުންކުރާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އޭނާއަކީ ފްރީލާންސަރަކަށް ވީތީ މި ހާލަތުގައި އޭނާގެ އާއިލާ ނުކައި ތިބެން ބޭނުން ނުވާކަމަށް ޒަކިއްޓޭ ފާހަގަކުރިއެވެ. ޒަކިއްޓޭ ބުނީ މި ވާހަކަތައް ދައްކަނީ ޚަބަރުގެ ހެޑްލައިން ކިޔާފައި ނޫންކަމަށާއި، މިއީ އެކި ވުޒާރާތަކުގައި ޖެނުއަރީމަހުން ފެށިގެން ދައްކާފައިވާ ވާހަކަތައް ކަމަށް އޭނާ ބުންޏެވެ.

"ފްރީލާންސަރުންގެ ތެރެއިން 30އިންސައްތަ މީހުންނަކީ ވޯކިންގ ކްލާސްގެ މީހުން"، ޒަކިއްޓޭ ބުންޏެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރޭގެ ވަގުތެއްގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް ވަނީ ރާއްޖޭގައި އެކި ދާއިރާތަކުގައި ހަރަކާާތްތެރިވާ ފްރީލާންސަރުންނާއި ޓެލެކޮންފަރެންސް މެދުވެރިކޮށް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުން ފްރީލާންސަރުންނަށް އުންމީދީ ވާހަކަތަކެއް އިވިގެން ދިޔަކަމަށް ޒަކިއްޓޭ ވަނީ ބުނެފައެވެ. 

Advertisement

ކޮމެންޓް

Advertisement