އިންޑިޔާއިން ދިވެހިރާއްޖޭގައި ތިބި އެގައުމުގެ ރައްޔިތުން ބަލާ ބޯޓެއް ފޮނުވަނީ
ދިވެހިރާއްޖޭގައި ތިބި އިންޑިޔާގެ ރައްޔިތުންގެ ތެރެއިން މިވަގުތު އިންޑިޔާއަށް އަނބުރާ ދިއުމަށް ބޭނުންވާ ރައްޔިތުން ބަލާ މެއިމަހުގެ 8ވަނަ ދުވަހު ޚާއްސަ ބޯޓެއް ފޮނުވުމަށް ނިންމައިފިއެވެ.
އެނގިފައިވާ ގޮތުގައި މި ކަނޑުބޯޓުން ދަތުރުކުރުމުގެ ފުރުސަތު ދޭނީ މިހާރުން މިހާރަށް އިންޑިޔާއަށް އަނބުރާ ދާން ޖެހޭ 700 ފަރާތަށެވެ.
އެގޮތުން ހައިކޮމިޝަންގައި މިހާރުވެސް ރަޖިސްޓަރ ވެފައިވާ ފަރާތްތަކުގެ ތެރެއިން ސިއްހީ ހާލަތު ދެރަ ފަރާތްތަކާާއި، މާބަނޑު ފަރާތްތަކާއި، އުމުރުން ދުވަސްވީ ފަރާތްތަކާއި، ވަޒީފާ ގެއްލިފައިވާ ފަރާތްތަކާއި އަދި ތާށިވެފައިވާ ފަތުރުވެރިންނަށް ބަލާނެކަމަށްވެސް ވަނީ އެނގިފައެވެ.
ދިވެހިރާއްޖޭގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަނާއި ހަވާލާދީ އެގައުމުގެ ނޫހެއްކަމަށްވާ "ޑެކަން ހެރަލްޑް"ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މި ބޯޓު ދަތުރުކުރުމަށް ހަމަޖެހިފައިވަނީ އިންޑިޔާގެ ކޮޗިންއަށެވެ. އަދި ކޮޗިންގައި 14 ދުވަހުގެ ކަރަންޓީންގެ މުއްދަތެއް ފުރިހަމަކުރުމަށްފަހު، ސިޔާސަތުތައް އޮތްގޮތަށް ބަލައި އެފަރާތްތަކުން ބޭނުންވާ އެހެން މަންޒިލްތަކަށް ދަތުރުކުރުމުގެ ފުރުސަތު ދޭނެކަމަށްވެސް ވަނީ ބުނެފައެވެ.
މީގެ އިތުރުން ހައިކޮމިޝަނުން ވަނީ މޫސުން ގޯސްވުމުގެ ސަބަބުން މާލެއާއި ކޮޗިނާއި ދެމެދު ކުރާ 48 ގަޑިއިރުގެ ދަތުރުގައި ކަނޑުގަދަ ވުމުގެ ފުރުސަތު އޮތްކަމަށް ބުނެފައެވެ. އަދި އެ ބޯޓުގައި ލިބެން ހުންނަ ސިއްހީ ފަރުވާގެ ޚިދުމަތްތަކަކީ އަސާސީ ޚިދުމަތްތައްކަމަށްވެސް ވަނީ ބުނެފައެވެ.
އަދި ކޮޗިންގައި ކަރަންޓީން ކުރެވޭ ތަނުގައިވެސް ހުންނާނީ އަސާސީ ޚިދުމަތްތައް ކަމަށާއި، އެތަނަށް ފައިސާ ދައްކަން ޖެހޭނެކަމަށްވެސް ވަނީ ހާމަކޮށްފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists