"އޯކިޑް" ގެ އިނގިރޭސި ތަރުޖަމާ ނެރެނީ!

10 May 2020 | 13:21

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނުގެ ވެރިކަން އިންގިލާބުކޮށްލައި އޭނާ އަވަހާރަކޮށްލި ހާދިސާ ދިރާސާކޮށް ލިޔެފައިވާ ފޮތް "އޯކިޑް" ގެ އިނގިރޭސި ތަރުޖަމާ ނެރުމުގެ މަސައްކަތް ކުރަމުން އަންކަމަށް އެ ފޮތުގެ މުސައްނިފް މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.

"ވޮއިސް" އަށް ދެއްވި އިންޓަވިއުއެއްގައި ޕީއެސްއެމްގެ އެގްޒަކަޓިވް އެޑިޓަރު ކަމަށްވާ މުހައްމަދު ޖަމީލް ވިދާޅުވިގޮތުގައި ފޮތުގެ އިނގިރޭސި ތަރުޖަމާގެ މަސައްކަތްވަނީ ނިމިފައިވަކަމށާއި، ޗާޕުކުރުމުގެ މަސައްކަތް ކުރިއަށްއޮތްތަނުގައި ކުރަން ގަސްތުކުރާކަމަށް ވިދާޅުވިއެވެ.

"ފޮތުގެ އިނގިރޭސި ތަރުޖަމާ ޗާޕުކުރެވިފައި ނުވިނަމަވެސް އައްނަބީލާ އަމީނާ މުހައްމަދު އަމީން ބައްލަވާލައްވައި ކޮމެންޓް ކުރުމުގެ ފުރުސަތު ލިބިފައިވާތީ އަޅުގަނޑު ވަރަށް އުފާކުރަން" މުހައްމަދު ޖަމީލް ވިދާޅުވިއެވެ.

ފޮތުގެ މުސައްނިފު މުހައްމަދު ޖަމީލު ދެއްކެވި ވާހަކަފުޅުގައި އެފޮތް އެކުލަވާލުމަށް ކުރެއްވި މަސައްކަތުގައި ކުރިމަތިވެވަޑައިގަތް ދަތިތަތަކާއި ބައެއް ބޭފުޅުންގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި އެހީތެރިކަން ފާހަގަކުރެއްވި އެވެ. އަދި އެކަމުގައި އަމީނު ދީދީގެ ދަރިކަނބަލުން އަމީނާ މުހައްމަދު އަމީން އާއި ވަހީދް ދީން (ޑީން) ދެއްވި އެއްބާރުލުން ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވިއެވެ. އަދި މަރުހޫމާ އަމީނާގެ ފުރާނަފުޅަށް ހެޔޮ ރަހްމަތްލެއްވުމަށް އެދި ދުޢާކުރާކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވިގޮތުގައި އޯކިޑް ގެ އިނގިރޭސި ތަރުޖަމާ އަކީ ބައިނަލް އަޤްވާމީ މާކެޓްގެ އިތުރުން ރާއްޖޭގެ ރިސޯޓްތަކާއި، ކޮލެޖް ޔުނިވާސިޓީތަކުގެ ދަރިވަރުންނަށް ހާއްސަކޮށް ބޭނުންކުރެވޭނެ ފޮތެއްކަމުގައެވެ.


އޯކިޑް ފޮތް ބައްލަވައިގަތުމަށް 9924442 އަށް ވައިބާކުރައްވާ!

Advertisement

ކޮމެންޓް