ފިހާރަތައް ބަންދުކޮށް ޑެލިވަރީތައް ހުއްޓާލާނެކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ޚަބަރެއްކަމަށް ބުނެފި

10 May 2020 | 05:46

ކޮވިޑް-19 ފެތުރެމުންދިއުމާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށް ފިހާރަތައް ބަންދުކޮށް ޑެލިވަރީތައް ހުއްޓާލާނެކަމަށްބުނެ ފަތުރަމުންދަނީ ދޮގު ޚަބަރެއްކަމަށް ސަރުކާރުން ބުނެފިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ފާއިތުވި ދެ ދުވަހުގެ ތެރޭގައިވަނީ މާލޭގެ ލޮކްޑައުން އިތުރަށް ވަރުގަދަކޮށް ކާފިއު ހިންގާ، ފިހާރަތައް ބަންދުކޮށް ޑެލިވަރީތައް ހުއްޓާލާނެކަމަށް ބުނާ މެސެޖެއް ވައިބަރފަދަ ވަސީލަތްތަކުގައި ދައުރުވެފައެވެ. މިކަމާއި ގުޅިގެން އާންމުންގެ ތެރެއިން ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވެ، ގަނޑުކޮށް ބައެއް ތަކެތި ގަތުމަށް މަސައްކަތްކޮށްފައެވެ.

މި މެސެޖް ވަނީ ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުގެ ފަރާތުން ދޮގުކޮށްފައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މާލޭގައި މިހާރު އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް ސަރުކާރުން ނުވިސްނާ ކަމަށެވެ. އަދި މިވަގުތު އަޅާފައިވާ ފިޔަވަޅުތަކަކީ ކުރިއަށް ލަފާކުރެވިފައިވާ ސާޖް ޕީކްގެ ދަތި ދުވަސްތަކަށްވެސް އެކަށީގެންވާ ފިޔަވަޅުތަކެއްގެ ގޮތުގައި އެބޭފުޅާ ސިފަކުރެއްވިއެވެ.

"ގެއިން ނުނިކުމެވޭ ގޮތްހަދައި ޑެލިވަރީ ހުއްޓުވާލައި ހުރިހާ ފިހާރައެއް ބަންދުކުރަން ނިންމާފައިވާކަމަށް ދައުރުވާ ވާހަތަކަކީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއްނޫން"، މަބްރޫކް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް