ސިފައިންގެ ގުރުބާނީއަށް ދިވެހިންގެ ހިފެހެއްޓުމެއްނެތް ޝުކުރު!

10 May 2020 | 23:59

ދިވެހި ސިފައިންގެ ހާއްސަ ދެ ގުރޫޕް ކަމަށްވާ ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕާއި، ޕްރޮޓެކްޝަން ގްރޫޕަށް މީސްމީޑިއާގައި ދިވެހިންދަނީ ޝުކުރާއި ތައުރީފުގެ ސަނާ އޮއްސަމުންނެވެ.

އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު މިދުއަމް ސައުދުގެ ފޭސްބުކް ގައި އެ ޓީމު ކުރައްވަވާ މަސައްކަތާއި ބެހޭގޮތުން ލިޔެފައިވާ ސްޓޭޓަސް އަކީ ގިނަބައެއްގެ ސަމާލުކަން ލިބިގެންދިޔަ ސްޓޭޓަސްއެކެވެ. އޭގައި ވާ ގޮތުން އެސް.ޕީ.ޖީ އަދި ޕީ.ޖީ ގުރޫޕަކީ ހާއްސަ ތަމްރީނުތަކެއް ހައްދަވައިގެން ތިބޭ ބައެކެވެ. އެމީހުންގެ ޒިންމާ އަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި ކެބިނެޓް މިނިސްޓަރުން ހިމާޔަތް ކުރުމެވެ.

އެހެންނަމަވެސް ރާއްޖޭގައި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެމުންދާ މި ދުވަސްކޮޅު މި ދެ ގުރޫޕުގެ ބޭކަލުންނާއި ބޭކަނބަލުން ތިއްބެވީ ގައުމުގެ ދިފާއިގައި ކުރިއަށް ނިކުމެ އެންމެ އިސް ސަފުގައިއެވެ. އެމީހުންގެ ޒިންމާ އަކީ ކޮވިޑް-19 އަށް ޕޮޒިޓިވް ވާ މީހުންނާއި އެންމެ ހައި ރިސްކު މީހުން މާލެތެރޭގައި އެއްތަނުން އަނެއް ތަނަށް ގެންދިއުމާއި، މާލެ އިން ބޭރަށް ގެންދަންޖެހޭ ފަރާތްތައްވެސް އެތަންތަނަށް ގެންދިއުމެވެ.

ޕޮޒިޓިވް މީހުންނާއި އެންމެ ކައިރިން އަބަދު އުޅޭ ބަޔަކަށްވާތީވެ، އެފަތާތްތައް ވެފައި ވަނީ ބަލި ޖެހުމުގެ ރިސްކު މަތީ ބަޔަކަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެބޭކަލުން ކުރައްވަވަނީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވަރަށް ބުރަ މަސައްކަތެއް ކަމަށް އޭނާ ސިފަ ކުރިއެވެ.

"އެބޭކަލުންނަށް މައިންބަފައިން ގާތަށް ރޯދަ ވީއްލާކަށް ނުދެވެއެވެ. އާާއިލާގެ މީހުންނާއި އެކު ތަރާވީހެއް ނުކުރެވެއެވެ. ބައިވެރިޔާގެ އަތުގައި ހިފައި ނުލެވެއެވެ. ދަރީންގެ ގައިގައި ބައްދާ ނުލެވެއެވެ. މިއިން އެއްވެސް މީހަކާއި ބައްދަލުވެސް ނުކުރެވެއެވެ. ޑިއުޓީ ނިންމަވާގޮތަށް މިއިން ކޮންމެ ބޭކަލަކު ކުޑަ ކޮޓަރިއަކަށް ގޮސް އަމިއްލަޔަށް އެ ކޮޓަރީގައި ބަންދުވެ ތިއްބަވަނީ ޑިއުޓީގެ ގެ އަނެއް ޝިފްޓް ފެށޭ ގަޑިއަށް" މިދުއަމް ބުނެފައިވެއެވެ.

ފޭސްބުކު ގައި އެތައް ސަތޭކަބަޔަކު މި ސްޓޭޓަސް ޝެއާ ކޮށް ތައުރީފުގެ ކޮމެންޓުތައް ކުރިއެވެ. 

މިގޮތުން މާތީ އަބްދުއްﷲ ލޔެފައިވަނީ މިފަދަ މަސައްކަތެއް ކުރަން ބޭނުންވާނެ ހިތްވަރާއި، ގައުމީ ލޯތްބި ސިފަކޮށް ނުދެވޭނެ ކަމަށެވެ. ކިތަންމެ ވަރަކަށް ޝުކުރު އަދާ ކުރަން އުޅުނަސް ކުރީސަފުގައި މަސައްކަތް ކުރައްވަވާ ފަރާތްތަކަށް ހައްގު ޝުކުރު އަދާ ނުކުރެވޭނެ ކަމަށްވެސް މާތީ ލިޔުނެވެ.

އައިހަމް އަޔާޒް ގެ ބަހަކީ ސިފައިންގެ ކޮންމެ ބޭކަލަކާއިމެދު އެބޭފުޅާ ވާ ފަހުރު އެއީ ބަސްތަކަކުން ސިފަކޮށް ނުވަތަ ކިޔައި ދެވޭނެ ޝުއޫރުތަކެއް ނޫން ކަމަށެވެ. އަދި އެ އެންމެ ބޭކަލުންނަށް ކުރުނީސް ކުރާ ކަމަށެވެ.

އައިޝަތު އަމާނީ ވަނީ އެކަމަނާ ސިފައިންދެކެ ވާ ފަހުރު ސިފަކޮށްދީ އަދި އެސް.ޕީ.ޖީ ތަމްރީނު ފުރަތަމަ ނިންމާލި އަންހެން ސިަފއިންގެ ބޭފުޅާ ކަމަށްވާ އެކަމަނާގެ ކޮށްކޮ ގެ ވާހަކަ ހިއްސާކޮށްފައިއެވެ.

އަދި މީގެ އިތުރުންވެސް އެތައް ބަޔަކު ވަނީ އެފަރާތްތަކުގެ ޝުކުރާއި ޝަނާ ސިފައިންނަށް އަރިސްކޮށް އެކި އެކި ސިފައިގައި އެބޭކަލުންނަށް ޝުކުރު އަދާކޮށްފައިއެވެ.

ގައުމުގެ ދިފާއުގައި ފުރާނަދޭން ހުވާކޮށްގެން ތިއްބެވި ދިވެހި ސިފައިންނަކީ މިފަތަ ކޮންމެ މުސީބާތެއްގައި ކުރީސަފަށް ނިކުމެ މިސާލު ދައްކަވާ ބައެކެވެ.

ސިފައިންގެ އެތައް ބަޔަކު މިހާރު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވީކަމުގައިވިޔަސް އެންމެ ފަހުމީހާ އާއި ޖެހެންދެން ސިފައިން ގައުމީ ހިދުމަތުގައި ތިއްބަވާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް ވަނީ ވިދާޅު ވެފައިއެވެ. 

Advertisement

ކޮމެންޓް