ހޫނު އަތްތިލަބަޑި އަކާއެކު، "ވިޒިޓް ލާމު އެޓޯލް" އިން ޚިދުމަތްތެރީންގެ އަގުވަޒަން ކޮށްފި

10 May 2020 | 18:01

މުޅި ދުނިޔެއަށް ދިމާވެފައިވާ މި ޚާއްޞާސް ދަނޑިވަޅުގައި އެތައް ބަޔަކު ދަނީ އާއިލާއާއި، އަނބިދަރިންނާއި ދުރުގައި ރާއްޖެ ވެއްޓިފައިމިވާ މި ނުރައްކަލުގެ ތެރެއިން، ރައްޔިތުންގެ ރައްކާތެރިކުރުމަށް މިންނަތް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. "ވިޒިޓް ލާމު އެޓޯލް" އިން މިވަނީ "ހޫނު އަތްތިލަބަޑީ އަކާއިއެކު" ރައްޔިތުންގެ ޙައްޤުގައި މިފަދަ މިންނެތް ބުރަ މަސައްކަތްތަކެއް ކޮށްދެއްވަމުންދާ ޙިދުމަތްތެރިންގެ އަގުވަޒަން ކޮށްދީފައެވެ.

ޤައުމުގެ ޚިދުމަތްތެރީންނަށް ވިޒިޓް ލާމު އެޓޯލްގެ ފަރާތުން ދިން "ހޫނު އަތްތިލަބަޑި" ވީޑިޔޯއާއި ގުޅޭގޮތުން، "ވޮއިސް" އަށް މަޢުލޫމާތު ދެމުން ވިޒިޓް ލާމު އެޓޯލްގެ ސީއޯއޯ އަޙްމަދު އަނަސް ބުނީ މި ވީޑީޔޯއަކީ ރާއްޖެއަށް، އަދި މުޅި ދުނިޔެއަށްވެސް ދިމާވެފައިމިވާ ހިތާމަވެރި ބަލިމަޑުކަމުގައި، ރައްޔިތުންގެ ޙައްޤުގައި ޚިދުމަތްކުރަމުންދާ މި ގައުމުގެ ޚިދުމަތްތެރިން އެކުރަމުންދާ މިންނެތް ބުރަ މަސައްކަތަށް ޝުކުރު އަދާކުރުމުގެ ގޮތުން ހަދާފައިވާ ވީޑިޔޯއެއް ކަމަށެވެ.

"މި ވީޑިޔޯއިން ފެންނާނީ ގިނަ ބަޔަކު އަތްތިލަބަޑި ޖަހާ މަންޒަރު… އެ އެންމެންވެސް އަތްތިލްބަޑި އެ ޖަހަނީ މިބުނި ޚިދުމަތްތެރިންނަށް ހިތްވަރު ދިނުމަށް… ދެން އެންމެ ފަހުން، އެކި އިދާރާތަކުގަ މަސައްކަތްކުރާ ޚިދުމަތްތެރިން ދައްކާލާނެ ވީޑިޔޯއިން" އަނަސް ބުންޏެވެ.

އަނަސް އިތުރަށް ބުނީ އެއް މިނެޓާއި 32 ސިކުންތުގެ މި ވީޑިޔޯ މިހާތަނަށް 45،000 އަށްވުރެ ގިނަ މީހުން ބަލާފައިވާ ކަމަށާއި، 600 އަށްވުރެ ގިނަ މީހުން މިހާތަނަށް މި ވީޑިޔޯ ޝެއަރ ކޮށްފައިވާ ކަމަށެވެ.


އަނަސް އިތުރަށް ބުނީ މި ވީޑިޔޯގައި ހިމަނާފައިވަނީ ވިޒިޓް ލާމު އެޓޯއިން ނަގާފައިވާ ވީޑިޔޯ ނޫން ކަމަށާއި، ހުރިހާ ވީޑިޔޯއަކީވެސް އެކި ފަރާތްތަކުން ވިޒިޓް ލާމު އެޓޯލްގެ އެދުމުގެ މަތިން ފޮނުވާފައިވާ ވީޑިޔޯ ކަމަށެވެ. އަދި މި ވީޑިޔޯއަކީ 24 ގަޑިއިރުގެ ތެރޭގައި، ވިޒިޓް ލާމު އެޓޯލްގެ ޓީމުގެ ހުރިހާ އެންމެން އެކުގައި ކުރި މަސައްކަތުން ހެދި ވީޑިޔޯއެއް ކަމަށްވެސް އަނަސް ވަނީ ބުނެފައެވެ.

ވީޑިޔޯ ހެދުމުގައި ވިޒިޓް ލާމު އެޓޯލްގެ ހުރިހާ މެމްބަރުންނާއި، ލ.ފޮނަދޫ ސިއްހީ މަރުކަޒާއި، ލ.ގަން ރީޖަނަލް ހޮސްޕިޓަލް އަދި ފުލުހުންގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް ބޮޑަށް ލިބުނުކަމަށާއި، އެ ހުރިހާ ފަރާތަކަށް ޝުކުރު ދަންނަވާ ކަމަށްވެސް އަނަސް ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް

Advertisement