Advertisement

ހުޅުމާލެ މެޑިކަލް ފެސިލިޓީގެ މަސައްކަތް ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނިންމާލަނީ

11 May 2020 | 13:41

ކޮވިޑް-19 އާއި ގުޅިގެން ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލްގެ ކައިރީގައި ތަަރައްގީކުރަމުންދާ މެޑިކަލް ފެސިލިޓީގެ މަސައްކަތް ކުރިއަށް އޮތް ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ބެލެވޭކަމަށް ހާމަކޮށްފިއެވެ.

ރޭ ދަރުބާރުގޭގައި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވޮއިސްގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކުރިން ލަފާކުރެވުނު ވަރަށްވުރެ އެ މެޑިކަލް ފެސިލިޓީގެ މަސައްކަތްތައް ނިންމުން ލަސްވެގެން ދިޔަކަމަށެވެ.

އެކަން އެފަދައިން ދިމާވުމަށް މެދުވެރިވި ސަބަބަކީ އެތަނުގައި މަސައްކަތް ކުރަމުންދިޔަ ގިނަ އަދަދެއްގެ ފަރާތްތަކެއް ޕޮޒިޓިވްވެ، އެކަމާއި ގުޅިގެން ގިނަބަޔަކު އެކަހެރިކުރަން ޖެހުމުންކަމަށް މަބްރޫކް ފާހަގަކުރެއްވިއެވެ.

ނަމަވެސް އަނެއްކާވެސް އެތަނުގެ މަސައްކަތް ފަށައި، ކުރިއަށް އޮތް ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެތަނުގެ މަސައްކަތް ނިންމާލެވޭނެކަމަށް މިހާރު ގަބޫލުކުރެވޭކަމަށް މަބްރޫކް ވިދާޅުވިއެވެ. 

މީގެކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަބްރޫކް ވިދާޅުވީ 40 މިލިއަން ރުފިޔާ ހަރަދުކޮށްގެން މިހެދޭ ފެސިލިޓީގައި 300 އެނދު ހުންނާނެކަމަށެވެ. އެގޮތުން ބީ ބްލޮކުގައި 68 އެނދު އަދި އޭ ބްލޮކުގެ، ތިން ފްލޯގައި 222 އެނދު ބަހައްޓައިގެން ބަލި މީހުންނަށް ފަރުވާ ދެވޭނެކަމަށެވެ. މީގެ އިތުރުން މިފެސިލިޓީގައި ހިދުމަތްތަކާއި ބެހޭ އިމާރާތުން ކެއުމާއި، ދޮވެ އިސްތިރި ކުރުމާއި އެނޫންވެސް އެ ފެސިލިޓީގައި ދޭންޖެހޭ ހިދުމަތްތައް ލިބޭނެ އެވެ. އެކޮމެޑޭޝަން އިމާރާތަކީ އެ ތަނުގައި ފަރުވާދޭ ޑޮކްޓަރުންނާއި ނަރުހުން އަދި މަސައްކަތު މީހުންގެ ހުރުމަށް ތައްޔާރު ކުރާ އިމާރާތެކެވެ.

ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލް ކުރިމައްޗަށް ވާ ގޮތަށް އޮތް ބޮޑު ބިމުގައި ތަރައްގީކުރާ "ހުޅުމާލެ މެޑިކަލް ފެސިލިޓީ" ހެދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ އެމްއެންޑީއެފާއި ފެނަކަ އެވެ. އޭގެ އިތުރުން ވެސް ސަރުކާރާއި އަމިއްލަ ބައެއް ކުންފުނިތަކުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، ވެމްކޯ، އާރުސީސީ، އެލިއާ ކޮންސްޓްރަކްޝަން، އަމިން ކޮންސްޓްރަކްޝަން އަދި ލެއޯ ކޮންސްޓްރަކްޝަން ހިމެނެ އެވެ.

Advertisement

ކޮމެންޓް

Advertisement