އާސަންދައިގެ މެރަނަ ސްކީމް މެލޭޝިޔާގައި ބޭނުންކުރާ ފަރާތްތަކަށް ލުއެއްދެނީ

11 May 2020 | 15:17

އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުގައި ދިވެހިން ބޭސްފަރުވާކުރުމަށް ގާއިމްކޮށްފައިވާ މެރަނަ ސްކީމް މެލޭޝިޔާގައި ބޭނުންކުރަމުންދާ ފަރާތްތަކަށް ޚާއްސަ ލުޔެއް ދިނުމަށް އެކުންފުނިން ނިންމައިފިއެވެ.

މިކަން ހާމަކޮށް އާސަންދަ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ މީގެކުރިން މެލޭޝިޔާގައި މެރަނަ ސްކީމުން ޚިދުމަތްދެމުން ދިޔައީ އެކުންފުނިން ޝޯޓްލިސްޓްކޮށްފައިވާ ހޮސްޕިޓަލްތަކާއި ކްލިނިކްތަކަކުންކަމަށެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން މެލޭޝިޔާގައި މީހަކު ދިރިއުޅޭ ސަރަހައްދުން 10 ކިލޯމީޓަރު ބޭރަށް ދިއުން މަނާވެފައިވާ ކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން މި ހާލަތުގައި ދިވެހިން އުޅޭ ސްޓޭޓްތަކުގެ ހޮސްޕިޓަލްތަކާއި ކްލިނިކްތަކަކީ މެރަނަ ސްކީމްގެ ދަށުން ޚިދުމަތް ހޯދޭ ތަންތަނުގެ ގޮތުގައި ހެދުމަށް ހަމަޖައްސާފައިވާ ކަމަށް ވަނީ އިއުލާންކޮށްފައެވެ.

އެގޮތުން މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން މެރަނާ ސްކީމްގައި ރަޖިސްޓަރވެފައިވާ ފަރާތްތަކުން އެފަރާތެއް ދިރިއުޅޭ ތަނަކުން ފެށިގެން 10 ކިލޯމީޓަރުގެ ސަރަހައްދެއްގައި މެރަނާ ސްކީމްގެ ދަށުން ހިދުމަތް ދިނުމަށް އެންލިސްޓް ކޮށްފައިވާ ހޮސްޕިޓަލެއް ނުވަތަ ކްލިނިކެއް ނެތް ނަމަ، ބޭނުންވާ ހިދުމަތެއް ރަނގަޅު އަގެއްގައި ލިބެން ހުރި ސިއްހީ ހިދުމަތްދޭ އެހެން މަރުކަޒަކުން އެ ހިދުމަތް ހޯދައި، ހިދުމަތް ހޯދިކަން އެނގޭނެ ލިޔުންތަކާއެކު ބިލްތައް އެކުންފުންޏަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް

Advertisement