Advertisement

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތަށް އަދުރޭގެ ތައުރީފް؟

11 May 2020 | 22:58

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްެރަހީމް އަބްދުﷲ ތައުރީފްކުރެއްވިކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މި މޭރުމުން ވިދާޅުވީ މިއަދު މެންދުރުފަހު ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ވަނީ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުގެ ފަރާތުން ބޮޑު ނިންމުމެއް ނިންމި ދުވަހެއްގައި އިދިކޮޅު ކޯލިޝަންގެ އިސް ލީޑަރަކު ގުޅުއްވައި އެ ނިންމި ނިންމުން ބަލައިގަންނަ ކަމަށާއި އަދި ސަރުކާރުން މަޝްވަރާ ކުރުމަށްފަހު ނިންމާ ކަންކަމަށް ތާއިދުކުރައްވާ ކަމަށް ވިދާޅުވިކަމަށްވެސް ވިދާޅުވިއެވެ.

މިއާއި އެކު ގިނަ ނޫސްވެރިން ވަނީ އެ ސިޔާސީ ފަރާތުގެ ނަމަކީ ކޮބައިކަން ހާމަކޮށްދެއްވުމަށް އެދި މިނިސްޓަރ އިމްރާންގެ އަރިހުން އެދިވަޑައިގެންފައެވެ. ނަމަވެސް މިނިސްޓަރ ވަނީ ނަންހާމަކުރުމަށް އިންކާރުކުރައްވާ، ފަހުން ސިއްރުން އެނަން ނޫސްވެރިންގެ އަރިހުގައި ވިދާޅުވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ނަމަވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ނިމުމުގެ ކުރިން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ ސަރުކާރުގެ މަަސައްކަތްތަކަށް ތައުރީފްކުރެއްވި ފަރާތަކީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްެރަހީމް އަބްދުﷲ، އަދުރޭ ކަމަށް ހާމަކުރައްވާފައެވެ.

އެގޮތުން އަދުރޭގެ އާއިލާ އައުމުން ބެހެއްޓީ އެންމެ ރަނގަޅު ކަރަންޓީން ފެސިލިޓީގައި ކަމަށާއި، އެކަމަށްޓަކައި އަދުރޭ ގުޅުއްވައި ޝުކުރުވެސް އަދާކުރެއްވިކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި ގުޅާލާއިރަށް ފޯނު ނަގައި، ހިތްހަމަ ޖެހި ވަޑައިގަންނަވާކަން އަދުރޭ ވިދާޅުވިކަންވެސް އެބޭފުޅާ ވަނީ ހާމަކުރައްވާފައެވެ.

ނަމަވެސް އަދުރޭ ވަނީ މި ސަރުކާރުގެ އެއްވެސް ސިޔާސަތަކަށް ތާއިދު ނުކުރައްވާ ކަމަށާއި، ތެޅުނު ވަރަކަށް ދާނީ ހުޅުނބު ކަމަށް ވިދާޅުވެ ޓްވީޓެއް ފަހުން ކުރައްވާފައެވެ. 

Advertisement

ކޮމެންޓް

Advertisement