ޗައިނާގެ ބޮޑު އެހީއަށް ރައީސްގެ ޝުކުރެއް ނެތް. އިންޑިއާގެ އެހީތަކަށް ރައީސް ޞާލިހް ޝުކުރު އަދާކުރައްވައިފި

12 May 2020 | 16:46

ކޮވިޑް-19 އާއި ގުޅިގެން އިންޑިއާއިން ވަމުން އަންނަ އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞަލިހް ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސް ޞާލިހް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އިންޑިއާއަކީ ހަޤީގީ އެކުވެރިއެއްކަމާއި، މި ދަތި ދަނޑިވަޅުގައިވެސް އިންޑިއާއިން ރާއްޖެއަށް އެހީތެރިވަމުން އަންނަކަމީ އެކަމުގެ ހެއްކެއްކަމުގައެވެ.

ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް އިންޑިއާއިން ފޯރުކޮށްދޭކަމަށްޓަކައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ރައީސް ޞާލިހް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ޞާލިހް މިފަދައިން ޝުކުރު އަދާކުރެއްވިކަމުގައި ވިނަމަވެސް، އިންޑިއާއިން މިހާތަނަށް ރާއްޖެއަށް ގެނެސްފައިވާ ކާޑުގެ ބާވަތްތަކަކީ ރާއްޖެއިން ގަނެފައިވާތަކެއްޗެވެ. ރައީސް ސޯލިހް އިންޑިއާއަށް ޝުކުރު އަދާކުރައްވާފައި މިވަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރުމަށް ނިންމާފައިވާ 580 ޓަނުގެ ހިލޭ އެހީ ހިފައިގެން އެގައުމުގެ މަނަވަރެއް ރާއްޖެއަށް މިއަދު ބަނދަރު ކުރުމާ ގުޅިގެންނެވެ.

ޗައިނާގެ ބޮޑު އެހީއަށް ރައީސްގެ ޝުކުރުގެ ބަހެއްނެތް!

ޗައިނާގެ އިން ރާއްޖެއަށް ވަނީ ކޮވިޑް-19 އާއި ގުޅިގެން އެންމެ ބޭނުންވެފައިވާ ސިއްހީ ދާއިރާއަށް ބޭނުންވާ ތަކެތި ހިލޭ ފޯރުކޮށްދީފައެވެ. ޗައިނާގެ ފަރާތުން ދިވެހިރާއްޖެއަށް އެހީގެ ގޮތުގައި ލިބުނު ބައެއް ތަކެތީގެ ތެރޭގައި 10،000 ޓެސްޓިންގ ކިޓް އަދި ސާމްޕަލް ސްޓިކް، 209،080 ޑިސްޕޯސެބަލް މާސްކް، 11،500 އެން95 މާސްކް، 350 މެޑިކަލް ޕްރޮޓެކްޓިވް ސޫޓް އަދި 10 ވެންޓިލޭޓަރުވެސް ހިމެނެއެވެ.

މިއެހީގެ ތަކެތި ފޯރުކޮށްދީފައިވަނީ ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، މާލޭގެ ސިސްޓަރ ސިޓީ ކަމުގައިވާ ގުއަންގްޒީ ޝުއަންގ އޮޓޮނޮމަސް ރީޖަންގެ ސަރުކާރު، އަލީބާބާ ފައުންޑޭޝަން، ވާވެއި އަދި ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ޗައިނާގެ އެކި ކުންފުނިތައް ހިމެނެއެވެ.

އިންޑިއާގެ އެހީ

މިއަދު ރާއްޖެއަށް ގެނެސްފައިވާ ކާބޯތަކެތީގެ ތެރޭގައި ހިމެނެނީ 200 ޓަނުގެ ހަނޑުލާއި، 140 ޓަނުގެ ގޮދަން ފުށް، 90 ޓަނުގެ ހަކުރު، 120 ޓަނުގެ ރީނދޫ މުގު، 26 ޓަނުގެ ފިޔާ އަދި 14 ޓަނުގެ އަލުވި ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނެއެވެ. ކާބޯތަކެތީގެ މިއެހީއަކީ އިންޑިއާގެ ރައްޔިތުންގެ ފަރާތުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ރަމަޟާން މަހުގައި ދެވޭ، ދެގައުމުގެ އެކުވެރިކަން ރަމްޒު ކޮށްދޭ ހަދިޔާއެއް ކަމަށްވެސް ހައިކޮމިޝަނުން ބުނެއެވެ.

Advertisement

ކޮމެންޓް