ސިއްހީ ބައެއް ސާމާނާއި އެކު ބަންގްލަދޭޝްގެ ބިމާން އެއަރލައިންސްގެ ބޯޓެއް ދިވެހިރާއްޖެއަށް ޖައްސައިފި

16 May 2020 | 13:00

ކޮވިޑް-19ގެ ކަންތައްތަކާއި ގުޅިގެން ބޭނުންވާ ބައެއް ސިއްހީ ސާމާނުތަކާއި އެކު ބަންގްލަދޭޝްގެ ބިމާން އެއަރލައިންސްގެ މަތިންދާބޯޓެއް ދިވެހިރާއްޖެއަަށް ޖައްސައިފިއެވެ.

މިބޯޓު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވަނީ ރޭގެ ވަގުތެއްގައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިއީ ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ 500 ރައްޔިތުން އެގައުމަށް އަނބުރާ ފޮނުވުމަށް ހިންގާ އޮޕަރޭޝަންގައި ބައިވެރިވުމަށް އައި ބޯޓެކެވެ.

މޯލްޑިވިއަންގެ ފަރާތުން ރޭ ކުރި ޓްވީޓެއްގައި ބުނީ ކޮވިޑް-19 އާއި ގުޅިގެން ހުޅުމާލޭގައި ތަރައްގީކުރާ މެޑިކަލް ފެސިލިޓީގެ މަސައްކަތް ނިންމުމަށް ބޭނުންވާ މުހިންމު ބައެއް ސާމާނާއި ސިއްހީ ސާމާނުތައް ހިފައިގެން މިބޯޓު އައިސްފައިވާ ކަމަށެވެ. 

މި ބޯޓުން އެތަކެތި ގެނައި ކަމަށްޓަކައި ސްޓެލަރ އޭވިއޭޝަން، ބިމާން އެއަރލައިންސް އަދި ސަރުކާރުގެ އިދާރާތަކަށް މޯލްޑިވިއަންގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކޮވިޑް-19 ދިވެހިރާއްޖޭގައި ފެތުރެން ފެށި ހިސާބުން ފެށިގެން ބަންގްލަދޭޝްގެ ސަރުކާރުން ދަނީ ދިވެހިންނަށް ތަފާތު ގޮތްތަކުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

Advertisement

ކޮމެންޓް