ދިރިއުޅުމުގެ އައު ވައްޓަފާޅިއަށް ތައްޔާރުވަނީ!

17 May 2020 | 16:11

ދުނިޔޭގެ ގިނަ ޤައުމުތައް ހުއްޓުމަކަށް ގެނައި ކޯވިޑް-19 މިވަނީ ދިވެހިރާއްޖޭގަވެސް ބިރުވެރި ކަމަކަށްވެ، ބަލި ފެތުރެން ފަށާފައެވެ. މި ބަލި ޖެހޭ މީހުންގެ އަދަދު ދަނީ ދުވަހެއް ދުވަހަށް އިތުރު ވަމުންނެވެ. ރާއްޖޭގައި މި ބަލި ޖެހިގެން މިހާތަނަށް 4 މީހަކު ވަނީ ނިޔާވެފައެވެ.

ކޯވިޑު-19 މި ބަލި ވެގެން ދިއައީ ދިވެހިންގެ ދިރިއުޅުމުގެ އާދަކާދަ ތަކަށް ބޮޑެތި ބަދަލު ތަކެއް ގެންނަން މަޖުބޫރު ކުރުވި ބައްޔަކަށެވެ. މިއާއެކު ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ކުއްލި އަވަސް ފިޔަވަޅުތަކެއް ސަރުކާރާއި ކަމާބެހޭ ހުރިހާ އިދާރާތަކުން ގެންދަވަނީ އަޅުއްވަމުންނެވެ.

އެގޮތުން ރަށްރަށުން މާލެ އަށް އަދި މާލޭން ރަށްރަށަށް ދަތުރުކުރުން މަނާކޮށް، ޒަރޫރީބޭނުމެއްގައި ނޫން ގޮތަކަށް ގެއިން ބޭރަށް ނުކުމެ އުޅުން މަނާކޮށް ފުރަބަންދު ކުރިއެވެ. ސައިހޮޓާ ކެފޭ ރެސްޓޯރެންތަކާ ފިހާރަތައް ބަންދު ކޮށް، ސަރުކާރު އޮފީސްތަކާއި ސްކޫލްތައް އަދި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ވަނީ މެދުކަނޑާލައި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް ގިނަ ފިޔަވަޅު ތަކެއް އަޅުއްވަވާފައެވެ.

މި ދެންނެވި ކަންކަން ހުއްޓުމަކަށް އައުމުން ވަނީ ދިރިއުޅުމުގައި އުފުލަންޖެހިފައިވާ ތަކުލީފްތަކަށް ލުއި ގޮތްތަކެއް ހަމަޖެއްސެވުމަށްޓަކާ ސަރުކާރުގެ އިދާރާތަކުން ދަނީ ގޮތްތަކެއް ރާވާ ހިންގޭތޯ ބައްލަވަމުންނެވެ.

އެގޮތުން މާލޭސިޓީ ކައުންސިލުން ވެސް ދަނީ ރައްޔިތުންނަށް މި ފުރަބަންދުގެ ހާލަތުގައި ޙިދުމަތްތައް ހޯދުމުގަ ފަސޭހަ ރައްކާތެރި މަގުތަކެއް ފަހި ކޮއްދެއްވުމުގައި ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ކޮވިޑް-19 އަށްފަހު މުޅި ދުނިޔެވެސް "ނިއު ނޯމަލް" ނުވަތަ އައު އާންމު ހާލަތަށް ދިރިއުޅުމުގެ ހުރިހާކަމެއް މި އަންނަންނީ ބަދަލުކުރަމުންނެވެ.

އެގޮތުން މާލެ ސިޓީން މިވަނީ އާ އާންމު ހާލަތައް މާލެ ސިޓީ ތައްޔާރުކުރުމަށްޓަކައި، ފިހާރަތަކަށްގޮސް ކުރިމަތީގައި މީހުން ތިބެންވީ ދުރުމިން އަންގައި ދިނުމުގެ ގޮތުންވަނީ ކުރަހަން ފަށާފައެވެ. އެގޮތުން މިވަގުތު ފުރަތަމަ ކުރިއަށް ގެންދަނީ މާލޭގެ ބޮޑެތި މަގުތަކުގައި ހުރި ފިހާރަތަކުން ރައްޔިތުންނަށް އެންމެ ރައްކާތެރިކޮށް ލުއިފަސޭހަކޮށް ޙިދުމަތް ފޯރުކޮށްދެވޭނެ ގޮތްތަކަށް ކަމަށް މާލޭސިޓީ ކައުންސިލުން ވަނީ ހާމަ ކުރަށްވާފައެވެ.

މާލޭސިޓީ ކައުންސިލުން އިތުރަށް މައުލޫމާތު ދެއްވާ ގޮތުގައި، މާލޭ މަސްމާރުކޭޓް ސަރަަހައްދުގައިވެސް ހަމަ އެ އުސޫލުން އެކަން ކުރައްވާނެ ކަމަށާ، ލޮކްޑައުން ކޮށްފައިވާ މި ދުވަސްވަރުގައި އެއްވެސް ބޭފުޅަކު މާރުކޭޓުން މަސް ގަތުމުގެ ތަކުލީފު އުފުއްލައްވަން ޖެހިވަޑައިނުގަންނަވާނެ ގޮތަށް ކަންކަން އިންތިޒާމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވަމުން ވިދާޅުވީ އެގޮތުން، ފުލުހުންގެ ފަރާތުން ޑެލިވަރީ ހުއްދަ ލިބުނުހާ އަވަހަކަށް މަސް ކަނޑައިގެން މަސް ޑެލިވަރީ ކުރެވޭނެ އިންތިޒާމް ހަމަޖައްސާވާނެ ކަމަށެވެ.

މިއީ އަޅުގަނޑުމެންގެ އާ އާންމު ހާލަތެވެ. އޮންލައިން ވިޔަފާއި އާއި ޑެލިވަރީގެ ހިދުމަތްތައް ފުޅާވެ އިތުވަމުން އަންނައިރު ރަށު ތެރޭގެ ކަންކަން ވެސް ބަދަލުކުރަން މިވަނީ ފަށާފައެވެ.

ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ފެތުރުން ހުއްޓުވޭނެ ނުވަތަ އެބަލިން ރައްކާތެރިވެވޭނެ އެންމެ މޮޅު ގޮތަކީ އިޖުތިމާއީ ގައިދުރުކަން ބަހައްޓައި ގިނަ ގިނައިން އަތް ދޮވުން ކަމަށް ސިއްހީ މާހިރުން އަންނަނީ ކެނޑިނޭޅި ބުނަމުންނެވެ. މިފަދަ ހާލަތްތަކުގައި އެންމެ މުހިއްމު ކަމަކީ ،ސިއްޚީ މާހިރުންގެ ލަފަޔާ އިރުޝާދުތަކަށް ބޯލަނބައި ކިޔަމަންވުމެވެ.

Advertisement

ކޮމެންޓް

Advertisement