Advertisement

ވިސާ ފީ ދެއްކުމުގައި ދަތިތަކެއް: ފީ ނުދެއްކުމުން ޖޫރިމަނާވާތީ ވިސާ އެޖެންސީން ކަންބޮޑުވުން ފާޅުކޮށްފި

17 May 2020 | 21:14

ކޮވިޑް-19އާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކޮށް، މާލެ ލޮކްޑައުންކޮށްފައިވާތީ ވޯކް ވިސާ ފީ ދެއްކުމުގައި ދަތިވެ، ޖޫރިމަނާ އަރާތީ ސީ ވޯލްޑް މޯލްޑިވްސް އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރާއްޖޭއަށް ގެންނަ ބިދޭސީންގެ ވޯކް ވިސާ ފީ ދައްކަމުން އަންނަ އެންމެ ގިނަ ދުވަސްވީ އެޖެންސީން މި ކަންބޮޑުވުން ފާޅުކުރައްވާފަައިމިވަނީ އެ އެޖެންސީން މިމަހުގެ 15 ވަނަދުވަހު އިމިގްރޭޝަނަށް ފޮނުވި ސިޓީއެއްގައެވެ.

ސީ ވޯލްޑް މޯލްޑްވްސް އިން ބުނެފައިވާގޮތުގައި މާލެ ލޮކްޑައުންކުރުމާ ގުޅިގެން ވިސާ ފީ ނުދެއްކިއްޖެނަމަ ޖޫރިމަނާ އަރަމުން އަންނަކަމަށާއި، އެކުންފުނިން އެދެނީ މިކަމަށް ކޮންމެވެސް ހައްލެއް ހޯދައިދިނުމަށްކަމަށެވެ.

ސީ ވޯލްޑް މޯލްޑްވްސްގެ ފަރާތުން ބިދޭސީންގެ ވިސާ ކަންތައް ބަލަހައްޓާ ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ކުންފުނީގެ އިތުރުން އަމިއްލަ ފަރުދުންގެންނަ ފަރާތްތައްވެސް ހިމެނެއެވެ. އޭގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސާވިސަސް އާއި އެސްޓީއޯ އާއި އެމްޑަބްލިއުއެސްސީ އާއި ޕީއެސްއެމް އަދި ގިނަ އަދަދެއްގެ ކައުންސިލް އިދާރާތައް ވެސް ހިމެނެ އެވެ.

ލޮކްޑައުންއާ އެކު ސަރުކާރުގެ ގިނަ އިދާރާކުގެ ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ އިންތިޒާމް ހަމަޖެއްސި އެވެ. ވޯކް ވިސާ ފީ ވެސް އޮންލައިންކޮށް ދެއްކެ އެވެ. އެކަމަކު އެގޮތަށް ވިސާ ފީ ދެއްކުމުގައި ވަކި ފަރުދުންގެ އެކައުންޓަށް ފައިސާ ޖަމާ ކުރުމަކީ ބޮޑެތި ކުންފުނިތަކުން ނުކުރާ ކަމަކަށް ވާތީ، ފީ ދެއްކުމުގައި ދަތިތައް ދިމާވާ ކަމަށް ސީވޯލްޑް ގެ ސިޓީގައި ވަނީ ބުނެފަ އެވެ.

ސީ ވޯލްޑުން ބުނި ގޮތުގައި ރާއްޖޭގެ ގިނަ ކުންފުނިތަކުން އެ ކުންފުނިތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ ވޯކް ވިސާ ފީ ދައްކަމުން އަންނަނީ މީރާއަށް ޗެކު ލިޔެގެން ނުވަތަ އޭޖެންސީތައް މެދުވެރިކޮށްގެންނެވެ. އަދި ގިނަ ކުންފުނިތަކުން އޮންލައިން ބޭންކިން ހަދާފައިވާ ނުވުމާއި އޮންލައިން ޓްރާންސްފާ ރިކުއެސްޓު ކުރުމުގައި ސައިން ހޯލްޑަރުންގެ ސޮއި ނުލިބުމަކީ ވެސް ފީ ދެއްކުމުގައި ލަސްވާ ސަބަބުތައް ކަމަށް ސިޓީގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ބައެއް ކުންފުނިތަކާއި އޭޖެންސީތަކުގެ މުވައްޒަފުން ވަޒީފާއަށް ނުކުތުމުގައި ހުއްދަ ލިބުން ދަތި ކަމަށާއި މި ދަނޑިވަޅު ބައެއް ކުންފުނިތަކާއި އޭޖެންސީތަކަށް ފައިސާ ލިބޭ ގިނަ ދޮރުތައް ބަންދުވެފައި ވުމުން ވެސް ވިސާ ފީ ދެއްކުން ލަސްވާ ކަމަށް ސީވޯލްޑުން ބުންޏެވެ.

އެ އެޖެންސީން ބުނީ މި ސަބަބުތަކާ ހުރެ ފީ ދެއްކުން ލަސްވި ނަމަވެސް ޖޫރިމަނާ ނާރާގޮތަށް ހަދައި ދިނުމަކީ ކުދި ވިޔަފާރިތަކަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށެވެ.

Advertisement

ކޮމެންޓް