ކޮވިޑް-19 ގެ އަސަރުނެތް ރަށްރަށުގައި ޖަމާޢަތުގައި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް އިދިކޮޅުން ގޮވާލައިފި

18 May 2020 | 00:11

ރަމަޟާން މަހުގެ ފަހު 10 ވެސް ދެބައިވެފައިވާއިރު، ކޯވިޑް-19 ގެ އަސަރު ނެތް ރަށްރަށުގެ ޖަމާޢަތުގައި ނަމާދު ކުރުމާއި ހުކުރު ނަމާދާއި ތަރާވީހު ނަމާދާއި ދަމުނަމާދު މިސްކިތްތަކުގައި ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ސަރުކާރަށް ގޮވާލައިފިއެވެ.

ސަރުކާރަށް އިދިކޮޅު ކޯލިޝަނުން މިފަދައިން ގޮވާލާފައިމިވަނީ މިރޭ ނެރުނު ނޫސްބަޔާނެއްގައެވެ.

މިއަހަރުގެ ރަމަޟާން މަސް އަޅުގަނޑުމެންނާއި ބައްދަލުކޮށް އަލްވަދާޢު ކިއުމާއި ހަމައަށް ގޮސްފައިވާއިރު، މިއަހަރުގެ ރަމަޟާން މަހު ރާއްޖޭގެ އެއްވެސް މިސްކިތެއްގައި ޖަމާޢަތުގައި ނަމާދު ކުރުމާއި، ތަރާވީހު ނަމާދު ކުރުމާއި، އަދި ދަމު ނަމާދު ކުރުން ފަދަ އަޅުކަންތައް ކުރިއަށް ގެންދިއުމަށް ހުރަސް އެޅިފައި ވުމަކީ މިކޯލީޝަންގެ ކަންބޮޑުވުން އިތުރުވާ ކަމެކަކުމައި އެ ކޯލިޝަނުން ހާމަކުރައްވައެވެ.

މީގެ އިތުރުން ރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ހުރިހާ ރަށެއްގެ މިސްކިތްތައް ބަންދުކޮށްފައި ހުރުމަކީވެސް ދިވެހިރައްޔިތުންނަށް އެކަމުގެ ސަބަބުން އަސަރު ކުރުވާ ކަމެއްކަމުގައި ވެސް އިދިކޮޅު ކޯލިޝަނުން ބުނެފައިވެއެވެ.

"ކޯވިޑް 19 އާއި ގުޅިގެން ރާއްޖޭގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ހުއްޓުވާފައި އޮންނަތާ އެތައް ދުވަހެއް ވެފައިވަނިކޮށް، މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު 10 ގައިވެސް، ރާއްޖޭގެ މިސްކިތްތަކުގައި ފަރްޟު ނަމާދާއި ތަރާވީހު ނަމާދާއި ދަމުނަމާދު ޖަމާޢަތުގައި ކުރުން މަނާކޮށްފައި އޮތުމަކީ ރާއްޖޭގައި ތިބި އިސްލާމް ދީނަށް ލޯބިކުރާ، އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ކަމެކެވެ. ކޯވިޑް 19 ރާއްޖެގައި ފެތުރެމުން ދިޔަނަމަވެސް، މި ވައިރަހުގެ އަސަރު އެއްވެސް މިންވަރަކަށް ކޮށްފައި ނުވާ ރަށްތައް ރާއްޖޭގައި ހުރި އިރު، އެރަށްތަކުގެ މިސްކިތްތައް ބަންދުކޮށް، އެ ރަށްރަށުގެ މިސްކިތްތަކުގެ ޖަމާޢަތުގައި ނަމާދު ކުރުން ހުއްޓުވައިގެން ތިބެންޖެހޭ ސަބަބެއް އޮތްކަމަށް ޤަބޫލެއް ނުކުރެވެ" ބަޔާނުގައި އިތުރަށް ވެއެވެ.

އެހެންކަމުން، މީގެ ކުރިންވެސް އިދިކޮޅު ކޯލިޝަނުން ގޮވާލާފައިވާފަދައިން، ކޯވިޑް 19 ގެ އަސަރު ނެތް ރަށްރަށުގައި ރަމާޟާން މަހުގެ ފަހު ދުވަސްތަކުގައި ނަމަވެސް މިސްކިތްތައް ބޭނުން ކުރެވޭ ގޮތަށް ޢާންމުކޮށް ހުޅުވާލުމަށް ވަނީގޮވާލާފައެވެ. އަދި އެފަދައިން ހުޅުވާލެވޭ ރަށްތަކުގެ މިސްކިތްތަކުގައި، ކޯވިޑް 19 ފެތުރުން ހުއްޓުވުމަށްޓަކައި ސަމާލުކަން ދޭންޖެހޭ ކަންކަން ޢާންމުކޮށް އެނގޭނެ ގޮތަކަށް އިޢުލާނު ކުރެވި، އަދި ސާފުތާހިރުވުމަށް ބޭނުންވާ ވަސީލަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައި، ރައްޔިތުންގެ ރައްކާތެރިކަމަށް މިސްތްތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާ ގޮތެއްގައި އިންތިޒާމުކުރެވި ހަމަޖެއްސުމަށްވެސް ސަރުކާރަށް ވަނީ ގޮވާލައްވާފައެވެ.

Advertisement

ކޮމެންޓް

Advertisement