Advertisement

7 އަހަރު ކުރީގެ ވީޑީއޯއެއްގެ މައްސަލައެއް ރައީސް ނަޝީދު ފުލުހަށް ހުށަހަޅައިފި

18 May 2020 | 14:41

ކީރިތި ރަސޫލާ މުހައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަށް ނިސްބަތްކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބަދުބަސްބުނިކަމަށް އާންމުންގެ ފަރާތަކުން ބުނާ ވީޑިޔޯގެ މައްސަލަ ތަހުގީގުކޮށްދީ ދައުވާކޮށްދޭން މޯލްޑިވްސް ޕޮލިސް ސާރވިސްގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ރައީސް ނަޝީދު ކީރިތި ރަސޫލާއާއި މެދު އިހާނެތި ބަސްބުނެފައިވާ ކަމުގެ ދޮގު އިލްޒާމް އަޅުވައި، ރަމަޟާން މަހުގެ ފަހުދިހައިގެ މަތިވެރި ދުވަސްތަކުގައި ރ.އަނގޮޅިތީމު ޖީޒާގޭ އަލީ އިބްރާހިމް ދައްކާފައިވާ ވާހަކަތައް ތަހުގީގުކޮށް އަދި އޭނާގެ އިންޓަރވިއު ގެނެސްދިން މީޑިޔާގެ މައްޗަށް ޖިނާއީ ދައުވާ ކޮށްދޭން އެދި ފުލުހަށް މައްސަލައެއް ހުށައެޅުމަށް ނިންމަވާފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވަނީ ރަމަޟާންމަހުގެ ފަހުދިހައިގައި މި މައްސަލަ ކުރިމަތި ކުރުވި ބަޔަކު އެކަން ކުރަނީ ރައީސް ނަޝީދު ގަތުލުކުރަން ލޭ ހުއްދަކަމަށް ދެއްކުމުގެ ބޭނުމުގައި ކަމަށް ފާހަގަކުރައްވާފައެވެ.

މަޖިލިސް ބަޔާނުގައި ފަހު 10 އެއްގައި ވީޑިއޯ ނެރެފައިވާކަމަށް ބުނެފައިވީނަމަވެސް މިއީ އަދާލަތް ފާޓީގެ ފަރާތުން 2013 ވަނަ އަހަރު ނެރެފައިވާ ވީޑީއޯއެއްކަން ފާހަގަކޮށްލަންޖެހެއެވެ.

އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީ އިންވަނީ ރައީސް ނަޝީދުގެ ދީނީ އަޤީދާ އާއި ގުޅޭ ގޮތުން ސުވާލު އުފައްދައި ރައްޔިތުންގެ މެދުގައި ނަޝީދާއި މެދު ނަފްރަތު އުފެއްދުމަށް ދައްކާ ވާހަކަތަކަކީ ބަލައިގަންނާނެ ކަމެއް ނޫންކަމަށް ބުނެފައެވެ.

މީގެއިތުރުން އިސްލާމްދީން ހަތިޔާރަކަށް ހަދައިގެން ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދައި، ދޮގުވާހަކަތައް ދައްކައި، ރައްޔިތުންގެ ހިތްތަކުގައި ނަޝީދާއި މެދު ރުޅިވެރިކަން އުފެއްދުމަށް ކުރަމުންދާ "ވިޔާނުދާ" އަމަލުތައް ހުއްޓާލުމަށް އެމްޑީޕީއިން ވަނީ ގޮވާލާފައެވެ.

Advertisement

ކޮމެންޓް