މިދިޔަ އަހަރު އެކަނިވެސް ރިޓަޔާރމެންޓް ފެންޝަން ސްކީމްއިން އެކަނި 91 މިލިޔަނެއްހާ ރުފިޔާ ދޫކުރި!

20 May 2020 | 14:53

މޯލްޑިވްސް ރިޓަޔަރމެންޓް ޕެންޝަން ސްކީމް (އެމްެއާރްޕީއެސް) މެދުވެރިކޮށް ޕެންޝަން ބެނެފިޓްގެ ގޮތުގައި 91 މިލިޔަނެއްހާ ރުފިޔާ ދޫކުރިކަމަށް ދައްކައިފިއެވެ.

މިކަން ހާމަވެފައިވަނީ ޕެންޝަން އޮފީހުގެ ފަރާތުން މިއަދު އާންމުކުރި މިދިޔަ އަހަރުގެ އަހަރީ އާންމު ރިޕޯޓުންނެވެ.

އެ ރިޕޯޓްގައި އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ނިމުމާއި ހަމައަށް އެމްއާރްޕީއެސްއަށް ޕަބްލިކް ސެކްޓަރ އަދި ޕްރައިވެޓް ސެކްޓަރގެ ފަރާތުން ވަނީ ޖުމްލަކޮށް 1،183،825،816.36 ރުފިޔާ ޖަމާކޮށްފައެވެ. މީގެ ތެރެއިން ބޮޑު ބައެއް ހިއްސާކުރަނީ ޕްރައިވެޓް ސެކްޓަރ އިންނެވެ.

އެމްއާރްޕީއެސްގައި ބައިވެރިވެފައިވާ މެންބަރުންގެ ޖުމްލަ އަދަދަކީ 100،225 އެވެ. މީގެ ތެރެއިން ޕްރައިވެޓް ސެކްޓަރގެ މެންބަރުންނަކީ 57،575 މެންބަރުންނެވެ. އަދި ޕަބްލިކް ސެކްޓަރގެ މެންބަރުންނަކީ 42،650 އެވެ. މި ސްކީމްގައި ބައިވެރިވެފައިވާ ވަޒީފާދޭ ފަރާތްތަކުގެ އަދަދަކީ 2164 އެވެ.

ޕެންޝަން އޮފީހުން ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ނިމުމާއި ހަމައަށް  މޯލްޑިވްސް ރިޓަޔަރމެންޓް ޕެންޝަން ސްކީމުން ޕެންޝަން ބެނެފިޓްގެ ގޮތުގައި 91،012،606.8 ރުފިޔާ ވަނީ ދޫކޮށްފައެވެ.

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމަކީ (އެމް.އާރު.ޕީ.އެސް) ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ތަޢާރަފު ކުރެވިފައިވާ ޑިފައިންޑް ކޮންޓްރިބިއުޝަން (ޑީސީ) ޕެންޝަން ސްކީމެކެވެ. ޑިފައިންޑް ކޮންޓްރިބިއުޝަން ޕެންޝަން ނިޒާމަކީ، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުން ކަނޑައެޅިފައިވާ ވަކި ޢަދަދެއްގެ ޗަންދާއެއް ނަގައިގެން، އެ ފައިސާ އިންވެސްޓް ކޮށްގެން ރިޓަޔަރމަންޓަށް ފައިސާ ރައްކާކުރެވޭ ޕެންޝަން ނިޒާމެކެވެ. 

އެމް.އާރު.ޕީ.އެސް އަށް، ވަޒީފާދޭ ފަރާތުންނާއި ވަޒީފާއަދާކުރާ ފަރާތުން ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި ދައްކަނީ މުވައްޒަފުގެ އަސާސީ މުސާރައިގެ %7( ދެ ފަރާތުން ޖުމްލަ %14 ) އެވެ.

މިފަދަ އެހެން ޕެންޝަން ނިޒާމުތަކެކޭ އެއްފަދައިން އެމް.އާރް.ޕީ.އެސްއިން ޕެންޝަންގެ ގޮތުގައި ދެވޭނެ މިންވަރު ކަނޑައެޅިގެން ދަނީ، ރިޓަޔަރ ކުރާއިރު އެ މީހެއްގެ ރިޓަޔަރމަންޓް ސޭވިންގގެ ގޮތުގައި ޖަމާވެފައި ހުރި ޢަދަދެއްގެ މައްޗަށެވެ.

Advertisement

ކޮމެންޓް