ލޮކްޑައުނަށް ލުއިދޭން ފަށާނެ ތާރީޚެއް އަދި ނުނިންމާ: މަބްރޫކް

23 May 2020 | 18:38

ކޮވިޑް-19 ފެތުރެމުން ދިއުމާއި ގުޅިގެން މާލެއާއި ރާއްޖޭގެ އެހެނިހެން ރަށްތަކުގައި ހިންގަމުންދާ ލޮކްޑައުންގެ ހާލަތު ފިޔަވަހިތަކަކަށް ބަހާލައިގެން ލުއިކުރަން ފަށާނެ ތާރީޚެއް އަދި ނުނިންމާކަމަށް އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ ފިޔަވަހިތަކަކަށް ބަހާލައިގެން ލޮކްޑައުނަށް ފަސޭހަތަކެއް ދެނީ ވަކި ތާރީޚްތަކެއްގެ މައްޗަށް ބިނާކޮށްގެން ނޫންކަމަށާއި، އޭގެ ބަދަލުގައި ވަކި ކަންތައްތަކެއް ފުރިހަމަވުމުގެ މައްޗަށް ކަމަށެވެ.

އެގޮތުން މިހާރު މަޝްވަރާކުރެވެމުންދަނީ ފުރަތަމަ ފިޔަވަހީގައި ލުއިދޭނެ ކަންތައްތަކާއި މެދުކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ލުއިތަކެއް ދޭން ޑޮކްޓަރުންގެ ޓީމުން ނިންމާނީ މިހާރު ޕޮޒިޓިވް ކޭސްތައް ފެންނަމުންދާ މިންވަރާއި އެކަމަށް އެއްވެސް ބަދަލުތަކެއް އަންނަތޯ ބެލުމަށް ފަހުގައި ކަމަށެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ ލޮކްޑައުނަށް ލުއިދޭ ފުރަތަމަ ދުވަސްވަރު އާންމުން ބޭރަށް ނުކުމެ އުޅޭ މިންވަރު އިތުރުވާނެ ކަމަށް ގަބޫލުކުރައްވާކަމަށާއި، އޭގެ ސަބަބުން ކޭސްތަކެއް އިތުރުވުމުގެ ފުރުސަތު އޮވެދާނެކަމަށެވެ. 

Advertisement

ކޮމެންޓް