ޖޭއެސްސީގެ މެމްބަރަކަށް ޝަރީއަތަކާ ބެހޭ ގޮތުން މީހުންގެ ހިތުގައި ޝައްކު އުފެއްދިދާނެ؟

23 May 2020 | 16:44

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ދައުލަތުގެ 3 ބާރުގެ ތެރެއިން އެއް ބާރުގެ ވެރިޔާއެވެ. ދައުލަތުގެ އެންމެ އިސް ފަރާތް ނޫންކަމުގައި ވިޔަސް، ޤާނޫނު ހެދުމުގެ ބާރުގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން މުހިއްމު މަސްއޫލިއްޔަތުތަކެއް އެމަގާމުގައި ހުންނަ މީހެއްގެ ބޮލުގައި އެޅެއެވެ. އޭގެ ތެރެއިން އެއް މަސްއޫލިއްޔަތަކީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރުކަމެވެ. މިއީ ޤާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރައީސަސް އޮޓޮމެޓިކުން މަތިވާ އިތުރު މަސްއޫލިއްޔަތެކެވެ. އެހެންކަމުން އެމަޤާމުގައި ހުންނަ ބޭފުޅަކަށް ދައުލަތުގެ އިތުރު ބާރެއްގެ ތެރޭގައި ޒިންމާދާރު މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

މިވަގުތު ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހުންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ހިންގި ސިޔާސީ ކުލަ ޖެހިފައިވާކަމަށް ތުހުމަތުކުރެވޭ ޝަރީއަތެއްގެ ސަބަބުން އެމަނިކުފާނަށް 2018 ވަނަ އަހަރުގެ އިންތިޚާބުގައި ވެރިކަމަށް ކުރިމަތިލެވޭ ގޮތް ނުވުމުން، އެމަނިކުފާނު ނިންމެވީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެއްވުމަށެވެ. މަޖިލީހަށް ހޮވިވަޑައިގަތުމުން އެމަނިކުފާނު ބޭނުންފުޅުވިގޮތަށް މަޖިލީގު ރިޔާސަތަށް އެމަނިކުފާނު ބޭނުންފުޅު މެމްބަރަކު ގެނެވޭ ގޮތް ނުވުމުން އެމަނިކުފާނު އަމިއްލަފުޅަށް މަޖިލީހުގެ ރިޔާސަތަށް ވަޑައިގަންނަވަން މަޖުބޫރުވެވަޑައިގަތެވެ. އެމަގާމުގައި ހުންނަވާ ޒަމާންތަކެއް ވަންދެން މަޖިލީހުގެ ރިޔާސަތު ހިފަހައްޓަމުން އައި މަޖިލީހުގެ ބަހުސްތަކުގެ ތެރެއަށް ނުވަނުމުގެ އުސޫލު މުގުރާލައްވައި، މެމްބަރުންނަށްވުރެ ގިނައިން އެމަނިކުފާނު ވާހަކަފުޅު ދައްކަވަން ފެއްޓެވިއެވެ. މަޖިލީހުގައި ކުރިއަށްދާ މުހިއްމު ބަހުސްތަކުގައި މެމްބަރުން ދައްކަވާ ވާހަކަތަކަށްވުރެ އެމަނިކުފާނު ސަމާސާއަކަށް ދައްކަވާ ވާހަކަތަކަށް މީޑިއާގެ ސަމާލުކަން ހޯއްދަވަން ފެއްޓެވިއެވެ. މިހާ ހިސާބަށް ދިޔައިރުވެސް ރައްޔިތުން އެކަމަށް މާބޮޑަށް އަޅާލިތަނެއް ނުފެނެއެވެ.

އެހެންނަމަވެސް، މިފަހަރު މިއޮތީ އަޅާނުލާ ދޫކޮށްލަން ނުވާ ވަރުގެ ކަމެއް ކުރައްވާފައެވެ. ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާއިން ކުރަމުން އަންނަ މަސައްކަތްތަކަށް ފާރަވެރިވާ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން، އެންމެންނަށް ފެންނަ ގޮތަށް ރާއްޖޭގައި ބޭއްވި ފުރަތަމަ ޝަރީޢަތުން ނިންމި ނިންމުމާމެދު ރައްޔިތުންގެ މެދުގައި ސުވާލު އުފެދޭ ގޮތަށް އެވަނީ އަމަލުކުރައްވާފައެވެ. ރައީސް ޔާމީންގެ އުފަން ދުވަހާ ދިމާކޮށް ޕީޕީއެމް އަދި ޕީއެންސީގެ އިސްވެރިން ކުރެއްވި ޓްވީޓްތައް ރައީސް ނަޝީދު ރީޓްވީޓްކުރެއްވިއިރު، އޭގައި ވަނީ ރައީސް ޔާމީންގެ މައްޗަށް ހިންގުނު ޝަރީޢަތް އިންސާފުން ބޭރުން ކުރިއަށް ދިޔަ ވާހަކައެވެ. އެވާހަކަތައް ރީޓްވީޓްކުރެއްވުމުން އެއިން ދޭހަވަނީ ރައީސް ނަޝީދުގެ ޝަރީޢަތް އިންސާފުން އެއްކިބާ ވެފައިވާކަން ކަމަށް ޕީޕީއެމް/ޕީއެންސީ އިންވެސް އެވަނީ ބުނެފައެވެ. އެހެން ނުބުނަންވީ ސަބަބެއްވެސް ނެތެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ މިމައްސަލައިގައި މަޖިލީހުގެ ސުލޫކީ ކޮމިޓީއާއި، ޖޭއެސްސީ އާއި، މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން އަޅާނުލާ ތިބޭނީތޯއެވެ؟ ޖޭއެސްސީ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަދުލު އިންސާފު ޤާއިމްކުރުމުގެ ކަންތައްތައް ހިންގުމުގައި އަދި ކޯޓުތަކާ ގުޅޭ ކަންކަމުގައި ރައީސަށް ލަފާ އެރުވުން ހިމެނޭކަމަށް ޤާނޫނު އަސާސީގެ 159 ވަނަ މާއްދާގައި އެވަނީ ބަޔާންކޮށްފައެވެ. އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތައް ޕްރޮމޯޓް ނުކުރައްވައި، ރައީސް ނަޝީދު އެމަގު ޚިޔާރު ނުކުރެއްވީ ކީއްވެތޯއެވެ؟ އަދި ޖޭއެސްސީ މެދުވެރުކޮށް އެމައްސަލަތައް ބެއްލެވުމަށް މަސައްކަތް ނުކުރެއްވީ ކީއްވެތޯއެވެ؟

އެމްޑީޕީ އިސްވެ އޮވެ ސަރުކާރެއް ގާއިމްކުރުމުގެ މެންޑޭޓް ދިވެހި ރައްޔިތުން ދިނީ 3 ބާރު ވަކިކޮށް، އަދުލު އިންސާފު ގާއިމްކޮށް، މިނިވަން ފަނޑިޔާރުގެއެއް ގާއިމްކުރުމަށެވެ. އެހެންނަމަވެސް ރައީސް ނަޝީދުގެ އަމަލުތައް އެހެރީ ރައްޔިތުންގެ ވިސްނުމާ އެއްގޮތަށޭ މިކަމުގައި ދެންނެވޭނެތޯއެވެ؟ ރައީސް ޔާމީންގެ ޝަރީޢަތް ހިނގި ގޮތާއި މެދު ހިތްހަމަނުޖެހިގެން މަޖިލީހުގެ ރިޔާސަތުގައި އިންނަވާ އަދި ޖޭސްސީގައި އިންނަވައިގެން ރައީސް ނަޝީދު އެކުރައްވާ ކަމަކީ ސަރުކާރަށް ޕްރެޝަރ ކުރެއްވުމާ އަދުލު އިންސާފާއިމެދު ރައްޔިތުންގެ ހިތްތަކުގައި ސުވާލު އުފެއްދެވުމެވެ. މިމައްސަލަ ބަލަން ޖޭއެސްސީ ނުވަތަ މަޖިލިސް ނުކުޅެދިއްޖެނަމަ 2018 ވަނަ އަހަރު ރައްޔިތުން ދިން ވޯޓު ބޭކާރު ވީއެވެ. ރައީސް ނަޝީދަށް ވެރިކަން ލިބިވަޑައިނުގަތުމުން ފަނޑިޔާރުގެ އިސްލާހުކުރަން ދިވެހިންނަށް ލިބުނު ފުރުސަތުވެސް ނަގާލަނީއެވެ.

Advertisement

ކޮމެންޓް

Advertisement