ޗައިނާގެ ސަފީރު އީދުގެ ތަހުނިޔާ ފޮނުއްވެވީ ދިވެހިބަހުން!

25 May 2020 | 01:21

ދިވެހިރާއްޖެއަށް އައްޔަންކޮށްފައިވާ އެކި ގައުމުތަކުގެ އިސް ޚާރިޖީ ބޭފުޅުންނަކީ އަބަދުވެސް ދިވެހިންނާއި ގާތް ގުޅުމެއް ބާއްވަން މަސައްކަތްކުރައްވާ ބޭފުޅުންނެވެ. ފަހަރެއްގައި އެއީ ހިތްހެޔޮކަމުގެ ސަބަބުންކަމަށްވެސް ވެދާނެއެވެ. ނުވަތަ އެފަރާތެއް ތަމްސީލްކުރާ ގައުމެއްގެ ސޮފްޓް ޕަވަރ އިތުރުކުރުމުގެ މަގްސަދުގައިކަމަށްވެސް ވެދާނެއެވެ.

ކޮންމެ ސަބަބަކަށްޓަކައި ކަމުގައިވިޔަސް، ދިވެހިންނާއި ގާތް ގުޅުންތައް ބޭއްވުމަށް ބޭރުގައުމުތަކުގެ ސަފީރުން ބޭނުންކުރާ އެންމެ ބޮޑު އެއް ވަސީލަތަކީ މީސް މީޑިޔާއެވެ. އެގޮތުން ޓްވިޓަރަކީ މިގޮތުން އެންމެ ބޮޑު އެއް މެދުވެރިޔާއެވެ. 

ޓްވިޓަރގައި ދިވެހިންނާއި މުއާމަލާތުކޮށް، ދިވެހިންގެ އެކިއެކި ސުވާލުތައް އޮޅުން ފިލުވައިދޭން ގިނަ ސަފީރުން މަސައްކަތް ކުރައްވައެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއް ފަރާތަށްވާނީ ޗައިނާގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޝާންގ ލީޝޮންގއެވެ. ސަފީރު ޝާންގއަކީ އަބަދުވެސް ދިވެހިންނާއި ޓްވިޓަރ މެދުވެރިކޮށް ގާތް ގުޅުމެއް ބާއްވަވާ ފަރާތެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ. ބައެއް ފަހަރު ސިޔާސީ ފަރާތްތަކުން ސަފީރާއި ޗައިނާއަށް ނިސްބަތްކޮށް ބަސް ވިދާޅުވުމުން، އެކަމަށް ޑިޕްލޮމެޓިކް ގޮތަކަށް ރައްދުދެއްވާވެސް ހައްދަވައެވެ.

އެހެނަސް މިރޭ ސަފީރު ޝާންގ ވަނީ ތަފާތުކަމެއް ކުރައްވާފައެވެ. މާދަމާ މުޅި ގައުމު ތަފާތުގޮތަކަށް ފިތުރު އީދު ފާހަގަކުރަން ތައްޔާރުވަމުންދާއިރު، އެކަމުގެ ތަހުނިޔާ ސަފީރުވެސް ވަނީ ދިވެހިންނަށް ފޮނުއްވާފައެވެ.

"އުފާވެރި ކުޑަ އީދުގެ ހެޔޮ އެދުންތައް ލޮބުވެތި އެންމެހާ ދިވެހީންނަށް އަރިސްކުރަން"، ސަފީރު ޓްވީޓްކުރައްވާފައިވެއެވެ.

Advertisement

ކޮމެންޓް

Advertisement