300 އެނދުގެ ފެސިލިޓީ ނިންމައި އައިޖީއެމްއެޗްއާއި ހަވާލުކޮށްފި

25 May 2020 | 16:04

ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ތަރައްގީ ކުރި މެޑިކަލް ފެސިލިޓީގެ މަސައްކަތް ނިންމައި އެތަން އައިޖީއެމްއެޗާ ހަވާލުކޮށްފިއެވެ.

ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި އެ ފެސިލިޓީ ނިންމަން ފުރަތަމަ ކަނޑައެޅީ މިދިޔަ މަހުގެ 15 އަށެވެ. ނަަމަވެސް އެތަނުގެ މަސައްކަތުގައި އުޅުނު ބައެއް މީހުން ކޮވިޑަށް ޕޮޒިޓިވްވެ މަސައްކަތްތައް ލަސްވީއެވެ.

ސިފައިންނާއި ސަރުކާރު އަދި އަމިއްލަ ގިނަ ކުންފުނިތަކުން ބައިވެރިވެގެން ހެދި 300 އެނދުގެ ފެސިލިޓީ އައިޖީއެމްއެޗާ ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.

ސާވިސް ބިލްޑިންއަކާއި އެތަނުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް ތިބެވޭނެ އެކޮމަޑޭޝަން ބުލޮކަކާއެކު ތަރައްގީކުރި ހުޅުމާލެ މެޑިކަލް ފެސިލިޓީ ހެދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ސިފައިންނާއި ފެނަކައިންނެވެ. އެގޮތުން ފެނަކައިގެ އެކަނިވެސް 100 ވަރަކަށް މުވައްޒަފުން ބައިވެރިވިއެވެ.

ކޮވިޑަށް ފަރުވާ ދިނުމަށް ސަރުކާރަށް ދޫކޮށްފައިވާ ޓްރީޓޮޕް ކުރިމައްޗަށް އޮންނަ ބިމުގައި ތަރައްގީކުރި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ގިނަ އަދަދެއްގެ ވެންޓިލޭޓަރު އެނދު ވެސް ހުންނާނެ ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވާއިރު ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގެ އެހީ ބޭނުންވާ މީހުން ގެންދާނީ ޓްރީޓޮޕް އަށެވެ.

Advertisement

ކޮމެންޓް