މާދަމާގެ މަޖިލީހުގެ ޖަލްސާ މަޖިލީހުގައި ބާއްވަނީ އެންއީއޯސީގެ ލަފައަކާއި ނުލައި!

26 May 2020 | 00:55

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި ބާއްވަނީ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީގެ) ލަފަައަކާއި ނުލައިކަމަށް ހާމަވެއްޖެއެވެ.

މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުން ފެށުމާއި ހަމައަަށް މަޖިލީހުގެ އިދާރާއާއި އެންއީއޯސީއާއި ދެމެދު ޖަލްސާތައް ބޭއްވުމާއި މެދު ރަސްމީ އެއްވެސް ސިފައެއްގައި މަޝްވަރާތަކެއް ކުރެވިފައި ނުވާ ކަމަށެވެ.

ނަމަވެސް މަޖިލީހުގެ އިދާރާއިން ފުރަބަންދަށް ލުއިދޭނެ ތާރީޚާއި ބެހޭގޮތުން މައުލޫމާތު އޮޅުންފިލުވުމަށް އެންެއީއޯސީއަށް ފޯން ކޯލެއް ކުރިކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތުގައި މިފަދައިން ޖަލްސާކުރާ މާލަމުގައި ޖަލްސާ ބޭއްވުމަކީ ގާނޫނީ ގޮތުން ހުއްދަކަމެއްތޯ މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވޮއިސްއިން ސުވާލުކުރުމުން މަބްރޫކް ވިދާޅުވީ އެކަމާއި މެދު ގާނޫނީ ގޮތުން ވާހަކަދެއްކުމަކީ އެބޭފުޅާގެ މަސައްކަތުގެ ކަންތައްތަކުގެ ތެރޭގައި ހިމެނޭކަމެއް ނޫންކަމަށެވެ. ނަމަވެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިވަޑައިގަންނަވާ ގާނޫނީ ބާރުގެ ތެރެއިން ލޮކްޑައުންގެ ހާލަތަކަށް މާލެ ގެންދަން އަމުރެއް ނެރުއްވިކަމަށް މަބްރޫކް ފާހަގަކުރެއްވިއެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ އެކަމާއި ގުޅިގެން ޑީޖީ ފަސް ލިޔުމެއް ނެރުއްވިކަމަށާއި، އޭގެން ބައެއް ލިޔުންތަކުގައި އިސްތިސްނާ ކުރެވިފައިވާ ފަރާތްތަކެއްވާ ކަމަށެވެ. އަދި ގާނޫނުގެ ތެރެއިންވެސް އިސްތިސްނާ ދެވޭނެ ހާލަތްތަކެއް އޮންނަކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ. 

މިސާލެއްގެ ގޮތުން ވަޒީރުންވެސް އެންއީއޯސީގެ މަސައްކަތްތައް ފިޔަވައި އެހެން ކަންތައްތަކެއް ކުރަން ބޭރަށް ދާން ފުލުހުންގެ ކިބައިން ހުއްދަ ހޯދޭނެފަދަ އުސޫލެއް އޮންނަކަމަށް މަބްރޫކް ފާހަގަކުރެއްވިއެވެ. އެހެންކަމުން ކޮންމެހެން ކުރަންޖެހޭ ކަންތައްތައް ކުރުމަށް ނުކުތުމަށް ޖާގަ ލިބިދޭ ގޮތްތަކެއް އެބަހުރިކަމަށް މަބްރޫކް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް