Advertisement

މިއަދުގެ ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް ޖަލްސާއަށް ހާޒިރުވާނަން: އާދަމް ޝަރީފް

26 May 2020 | 02:29

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަޑައިގަންނަވާނެކަމަށް މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

މެންބަރު އާދަމް ޝަރީފް މިހެން ވިދާޅުވެފައިވަނީ "ވޮއިސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޝަރީފް މިހެން ވިދާޅުވެފައިމިވަނީ ލޮކްޑައުން އުވާނުލަނީސް މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގައި ބާއްވަން ޖަލްސާ ބާއްވަން ނިންމާފައިވާތީ އެކަމާ ބައެއް މަޖިލިސް މެމްބަރުންނާއި އާންމުން ވެސް ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އިދިކޮޅު ޕީއެންސީ/ޕީޕީއެމް ކޯލިޝަންއަށް ނިސްބަތްވެވަޑައިގަންވާ މެންބަރ ޝަރީފް ޖަލްސާއަށް ވަޑައިގަންނަވާނެކަން ހާމަކުރައްވާފައިވާއިރު އެ ކޯލިޝަންގެ އެއްވެސް މެންބަރެއް މިހާތަނަށް ހާޒިރުނުވާނެކަން ހާމަކޮށްފައިނުވެއެވެ.

ޖަލްސާއަށް ހާޒިރުވުމަށް ދެކޮޅު ހަދާ މެންބަރުންގެ ތެރޭގައި ވެރިކަން ކުރާ އެމްޑީޕީގެ މަޖިލިސް މެންބަރު ރޮޒެއިނާ އާދަމް ހިމެނިވަޑައިގަންނަވައެވެ.

"އެޗްޕީއޭގެ ހުއްދަޔާ ނުލައި، ހުރިހާ ރައްޔިތުންގެ ސަލާމަތަށްޓަކާ ކޮށްފައިވާ އަމުރަކާ ހިލާފަށް އަޅުގަނޑު ބޭނުމެއް ނޫން، އަޅުގަނޑުގެ މައްޗަށް ފަހުން ދައުވާކޮށްފާނެ ކަމެއް ކުރާކަށް" ރޮޒެއިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

ލޮކްޑައުން އުވާނުލަނީސް މަޖިލީހުގެ ޖަލްސާތައް ޗެމްބަރުގައި ފަށާތީ ބައެއް އާންމުން ވެސް ސުވާލުތައް އުފައްދަމުންދާއިރު، މެމްބަރު އަލީ މިރޭ ވިދާޅުވީ މާލެ ލޮކްޑައުންގެ ހާލަތުގައި އޮއްވައި އެޗްޕީއޭގެ ހުއްދަނެތި މަޖިލީހުގެ ޖަލްސާތައް މަޖިލިސްކުރާ ގޭގައި ބޭއްވުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އަލީ ހުސެއިންގެ އިތުރުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވެސް ވަނީ މާލެ ސަރަހައްދު ލޮކްޑައުން ހާލަތުގައި އޮތްއިރު މަޖްލިސް ޖަލްސާތައް ބޭއްވުމަށްޓަކާ މަޖިލިސްކުރާގެއަށް މެންބަރުންނަށް އެއްވެވޭނީ އެކަމަށް އެޗްޕީއޭގެ ހާއްސަ ހުއްދައެއް ލިބިގެން ކަމަށް ވިދާޅުވެފައެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ގާނޫނީ އަމުރުތަކަށް ތަބާވާންޖެހޭނެ" އުޝާމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން މައުލޫމާތުދޭ ގޮތުގައި މި ޖަލްސާތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ދީފައިވާ އިރުޝާދުތަކުގެ މަތިންނެވެ.

އެގޮތުން ޖަލްސާކުރާ މާލަމުގައި އެންމެ ގިނަވެގެން އެއްވަގުތެއްގައި ތިއްބެވޭނީ 42 މެންބަރުންނަށެވެ. މި މެންބަރުން މާލަމުގައި ތިއްބަވާއިރު ތިއްބަވަން ޖެހޭނީ އެޗްޕީއޭއިން އެކަށައަޅާފައިވާ ދުރުމިނެއްގައި، އެއް ވަގުތެއްގައި އެއް މޭޒެއްގައި ދެ މެންބަރުން ނުތިއްބަވާ ގޮތަށެވެ. މަޖިލީހުގެ ޖަލްސާތަކުގައި ވޯޓުލުމުގައިވެސް އަމަލުކުރުމަށް ހަމަޖެހިފައިވަނީ މި އުސޫލެވެ.

މިގޮތުން ބަލާލާއިރު ވަކި އިންތިޒާމެއްގެ ދަށުން މެންބަރުން މާލަމަށް ވަދެ ވަޑައިގެން ވޯޓުގައި ބައިވެރިވެ ވަޑައިގަތުމަށްފަހު މާލަމުން ނުކުމެ ވަޑައިގަތުމުން ބާކީތިބި މެންބަރުންވެސް ވަދެ ވަޑައިގެން ވޯޓުލާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮންމެ ޖަލްސާއެއްވެސް ކުރިއަށް ގެންދާނީ މާލަމުގައި ވީހާވެސް މަދު މުވައްޒަފުން ތިބެގެންކަމަށްވެސް މަޖިލީހުން ވަނީ ބުނެފައެވެ.

މި ޖަލްސާތަކުގައި މާލަމުގައި ތިއްބަވާ މެންބަރުންނާއި މުވައްޒަފުންވެސް މާސްކް އަޅައިގެން ތިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މާދަމާގެ މަޖިލީހުގެ ޖަލްސާ މަޖިލީހުގައި ބާއްވަނީ އެންއީއޯސީގެ ލަފައަކާއި ނުލައި: މަބްރޫކް

މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުން ފެށުމާއި ހަމައަަށް މަޖިލީހުގެ އިދާރާއާއި އެންއީއޯސީއާއި ދެމެދު ޖަލްސާތައް ބޭއްވުމާއި މެދު ރަސްމީ އެއްވެސް ސިފައެއްގައި މަޝްވަރާތަކެއް ކުރެވިފައި ނުވާ ކަމަށެވެ.

ނަމަވެސް މަޖިލީހުގެ އިދާރާއިން ފުރަބަންދަށް ލުއިދޭނެ ތާރީޚާއި ބެހޭގޮތުން މައުލޫމާތު އޮޅުންފިލުވުމަށް އެންެއީއޯސީއަށް ފޯން ކޯލެއް ކުރިކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތުގައި މިފަދައިން ޖަލްސާކުރާ މާލަމުގައި ޖަލްސާ ބޭއްވުމަކީ ގާނޫނީ ގޮތުން ހުއްދަކަމެއްތޯ މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވޮއިސްއިން ސުވާލުކުރުމުން މަބްރޫކް ވިދާޅުވީ އެކަމާއި މެދު ގާނޫނީ ގޮތުން ވާހަކަދެއްކުމަކީ އެބޭފުޅާގެ މަސައްކަތުގެ ކަންތައްތަކުގެ ތެރޭގައި ހިމެނޭކަމެއް ނޫންކަމަށެވެ. ނަމަވެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިވަޑައިގަންނަވާ ގާނޫނީ ބާރުގެ ތެރެއިން ލޮކްޑައުންގެ ހާލަތަކަށް މާލެ ގެންދަން އަމުރެއް ނެރުއްވިކަމަށް މަބްރޫކް ފާހަގަކުރެއްވިއެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ އެކަމާއި ގުޅިގެން ޑީޖީ ފަސް ލިޔުމެއް ނެރުއްވިކަމަށާއި، އޭގެން ބައެއް ލިޔުންތަކުގައި އިސްތިސްނާ ކުރެވިފައިވާ ފަރާތްތަކެއްވާ ކަމަށެވެ. އަދި ގާނޫނުގެ ތެރެއިންވެސް އިސްތިސްނާ ދެވޭނެ ހާލަތްތަކެއް އޮންނަކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުން ވަޒީރުންވެސް އެންއީއޯސީގެ މަސައްކަތްތައް ފިޔަވައި އެހެން ކަންތައްތަކެއް ކުރަން ބޭރަށް ދާން ފުލުހުންގެ ކިބައިން ހުއްދަ ހޯދޭނެފަދަ އުސޫލެއް އޮންނަކަމަށް މަބްރޫކް ފާހަގަކުރެއްވިއެވެ. އެހެންކަމުން ކޮންމެހެން ކުރަންޖެހޭ ކަންތައްތައް ކުރުމަށް ނުކުތުމަށް ޖާގަ ލިބިދޭ ގޮތްތަކެއް އެބަހުރިކަމަށް މަބްރޫކް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް