Advertisement

މަޖިލިސް ޖަލްސާ ބާއްވަން ހުއްދަދެން، އެދެވެނީ ވާޗުއަލްކޮށް ބާއްވަން: އެޗްޕީއޭ

26 May 2020 | 03:51

މިއަދު ހެނދުނު 11 ޖަހާއިރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މަޖިލީހުގެ ތަޅުމުގައި ބޭއްވުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އެންމެފަހުން ދީފިއެވެ.

ޝަރުތުތަކާއި އެކު މި ޖަލްސާ ބާއްވަން ހުއްދަ ދިންއިރު، އެންމެ އެދެވިގެން ވަނީ މި ޖަލްސާ ވާޗުއަލްކޮށް ބޭއްވުމަށް ކަމަށްވެސް ވަނީ ބުނެފައެވެ.

މި ޖަލްސާ ބާއްވަން ހުއްދަދޭއިރު އެޗްޕީއޭއިން ކުރި ބައެއް ޝަރުތުތަކަކީ މިހާރު ފެތުރެމުންދާ ކޮވިޑް-19 ބަލީގެ އަލާމާތެއް ހުރި އެއްވެސް މެންބަރަކު ޖަލްސާއަށް ހާޒިރުނުވުން، އަދި ޖަލްސާއަށް ވަދެ ނުކުމާއި ޖަލްސާގައި ތިބުމުގައި އިޖްތިމާއީ ގައިދުރުކަން ތަންފީޒުކުރުން ފަދަ ކަންތައްތަކެވެ.

މީގެ އިތުރުން ޖަލްސާގައި ބައިވެރިވާ މެންބަރުންނަށް ސައިބޯނިލައިގެން އަތްދޮވެވޭނެ ނުވަތަ ހޭންޑް ސެނެޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރުމުގެ އިންތިޒާމު ހަމަޖެހިފައި ހުންނަންވާނެ ކަމަށާއި، ޖަލްސާކުރާ މާލަމުގައި ހުންނަ ގިނައިން އަތްލާ ތަކެއްޗާއި ތަންތަން ސާފުކޮށް ޑިސްއިންފެކްޓު ކުރުމަށްވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

އަދި މި ހާލަތުގައި ކޮންމެހެން ބާއްވަން ޖެހޭ ޖަލްސާތައް މެނުވީ އެހެނިހެން ޖަލްސާތައް ނުބޭއްވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

މިކަމާއި ގުޅިގެން މަޖިލީހުގެ މެންބަރުންނާއި މުވައްޒަފުންނަށް ޕާމިޓް ދޫކުރުމުގެ މަސައްކަތް ފުލުހުން ދަނީ މިހާރު ކުރަމުންނެވެ.

Advertisement

ކޮމެންޓް