ކޮވިޑް-19ގެ ހާލަތުގައި ވިޔަފާރިތައް ކުރިއަށްގެންދާނެ ގޮތް ކިޔައިދޭނީ ސްޕާކްޗެޓުން!

26 May 2020 | 13:11

ކޮވިޑް-19 ގެ ހާލަތުގައި ވިޔަފާރިތައް ކުރިއަށް ހިންގާނެ ގޮތާއި މެދު ސްޕާކްހަބްގެ ފަރާތުން ސްޕާކްޗެޓްގެ ނަމުގައި ޚާއްސަ ޕެނަލް ޑިސްކަޝަންއެއް ބާއްވައިފިއެވެ.

ސްޕާކްޗެޓްއަކީ ސްޓާޓްއަޕް ކަލްޗަރަށް ނުވަތަ ވިޔަފާރީގެ ހަރަކާތްތައް ފުޅާކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަކު އަނެކަކުގެ ކިބައިން ކަންކަން ދަސްކުރުމުގެ ފުރުސަތު ހޯދައިދޭން ބާއްވާ ނުރަސްމީ އަދި ޓެކްނިކަލް ނޫން ބައްދަލުވުމެކެވެ. 

ކޮވިޑް-19ގެ ބަލިމަޑުކަން ދުނިޔޭގައި ފެތުރެމުންދިޔަ ދުވަަސްވަރެއްގައި ފެށި ސްޕާކްޗެޓްގެ ހަރަކާތް މިވަގުތު އަމާޒުކޮށްފައިވަނީ ކޮވިޑް-19 އާއި މި ހާލަތުގައި ވިޔަފާރިތައް ދަމަހައްޓާނެގޮތަކާއި މެދުގައެވެ. އެގޮތުން ސްޕާކްޗެޓްގެ ދެ ބައްދަލުވުމެއް މިހާ ހިސާބަށް ވަނީ ބާއްވާފައެވެ.

އެގޮތުން ރޭ ފޭސްބުކް ލައިވް މެދުވެރިކޮށް ކުރިއަށް ގެންދިޔަ ސެޝަންގައި ވަނީ ކޮވިޑް-19 ގެ ހާލަތުގައި ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތަކަށް ހިންގުމާއި ބެހޭގޮތުން މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. މި ސެޝަންގައި ބައިވެރިވެފައިވާ ފަރާތްތަކަކީ ހީޓް ހެލްތު އެންޑް ފިޓްނެސްގެ މުއައްސިސް އަދި ސީއީއޯ ޝިފާނާ ވަޖީހު، ކޮފީ ލެބް ރޯސްޓާސްގެ ސީއީއޯ އަހުމަދު އަފްރާހް، ރެޑްބޮކްސް މޯލްޑިވްސްގެ ސީއޯއޯ ހުސައިން ޝާހިދު އަދި ތިބާ ސައިކޮލޮޖީގެ ކޯ-ފައުންޑަރ ނަދާ ޝަރީފެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސްޕާކްޗެޓްގެ ރޭގެ ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ޕެނަލިސްޓުންނާއި ސުވާލުވެސް ކުރެވޭނެ ގޮތަކަށެވެ. މި ސެޝަންއަށް އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

Advertisement

ކޮމެންޓް