އޯއައިސީގެ ބައްދަލުވުމުގައި ރާއްޖެއިން ދިން ބަޔާނާއި ގުޅިގެން މިނިސްޓަރ ޝާހިދު މައާފަށް އެދެންޖެހޭ: އިދިކޮޅު

26 May 2020 | 22:04

ދާދިފަހުން އޮތް އޯއައިސީގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން އިންޑިޔާއާއި އެއްކޮޅަށް ދިން ބަޔާނާއި ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މައާފަށް އެދިވަޑައިގަންނަވަން ޖެހިވަޑައިގަންނަވާކަމަށް އިދިކޮޅު ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ދިވެހިންގެ ޤައުމިއްޔަތާއި ދިވެހިވަންތަކަމުގެ އެންމެ މަތީ ބަހާއަކީ އިސްލާމީ އަޤީދާކަމަށާއި އަދި، ޤައުމިއްޔަތުގެ އެންމެ އިސް ރުކުނަކީ އިސްލާމީ ވަޙްދަތުކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ލިޔެ، ޝާއިޢުކުރެވިފައިވާ އެއްޗަކަށް ވީހިނދު، ޤައުމުގެ އިސްލާމީ ވަޙްދަތު ނަގާލެވޭނެ ނުވަތަ މުޅި މުސްލިމް އުއްމަތް ބަލިކަށިވާނެފަދަ އެއްވެސް ޢަމަލެއް ޤައުމުގެ ޚާރިޖިއްޔާއިން ހިންގުމަކީ އެފަރާތުން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ޕީޕީއެމް-ޕީއެންސީން ބުނީ ކުޑަ ނަމަވެސް މިނިވަން އަދި މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ރާއްޖެ ބައިނަލްއަޤްވާމީ މުޖްތަމައުގައި ހަރަކާތްތެރިވާތާ 60 އަހަރުވާން ގާތްވެފައިވާ ކަމަށާއި، މިމުއްދަތުގެ ތެރޭގައި ރާއްޖެއާމެދު އެންމެ ގިނަ ބައެއްގެ ހިތްތަކުގައި ލޯތްބާއި އިޙްތިރާމް އުފެދިފައިވަނީ، ދިވެހިރާއްޖެއަކީ އަބަދުވެސް އިސްލާމީ އުންމަތަށް ނަސްރު ހޯދައިދިނުމަށް، އަދި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ދިރިއުޅޭ މުސްލިމް އަޚުންނާއި އުޚްތުންގެ ޙައްޤުގައި ނުފޫޒެއްނެތި ޙައްޤުބަސް ބުނާ ބައެއްގެ ގޮތުގައި އެންމެ ކުރީ ސަފުގައި ގުނާލެވޭ ޤައުމަކަށްވާތީކަމަށެވެ.

"ފަލަސްތީނުކަމުގައިވިއަސް، ނުވަތަ ރޮހިންގްޔާ ކަމުގައިވިއަސް ނުވަތަ އަވަށްޓެރި ޤައުމުތަކުގައި ދިރިއުޅޭ މުސްލިމުންކަމުގައިވިއަސް، ދިވެހިރާއްޖެއަކީ އަބަދުވެސް އުންމަތުގެ ދިފާއުގައި، އުންމަތުގެ ސަލާމަތަށްޓަކައި، އަދި އުންމަތުގެ ޙައްޤުގައި ބަސްބުނަމުންއައި އަދި ވޯޓުދެމުންއައި ޤައުމެކެވެ"، ބަޔާނުގައި ބުނެފައިވެއެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯ.އައި.ސީ) އަކީ އިސްލާމީ ޤައުމުތަކުގެ މެދުގައި އުފެދިފައިވާ އެންމެ ބަދަހި ބައިނަލްއަޤްވާމީ ޖަމާއަތަށްވީހިނދު، މިޖަމާއަތުގެ ބައްދަލުވުމެއްގައި ދިވެހި މަންދޫބަކު، އެތައް މިލިއަން މުސްލިމުންގެ ޙައްޤުތަކާ ޚިލާފަށް، އެއަޚުންނާއި އުޚްތުންނާ މެދު ހިނގަމުން އަންނަ ލާއިންސާނީ ޢަމަލުތައް އޮއްބާލުމަށް ވަކާލާތުކުރުމަކީ ދިވެހި ލޮބުވެތި ރައްޔިތުން ލަދުގަންނަވާލައި ޤައުމުގެ ޚާރިޖީ ސިޔާސަތު ވެއްޔާއި މޮޑެލުންކަމަށްވެސް ވަނީ ބުނެފައެވެ.

މި ބަޔާނުގައި އިތުރަށް ބުނީ އަވަށްޓެރި ޤައުމުތަކާއެކު ޚާއްޞަ، ބަދަހި ގުޅުންތަކެއް ޤާއިމުކޮށް ދެމެހެއްޓުން މުހިންމުކަމެއްކަމަށާއި އެހެން ނަމަވެސް، އެފަދަ ޤައުމެއްގެ ސަރުކާރަކުންވެސް މުސްލިމުންނަށް ނިކަމެތިކަން ލިބިދޭގޮތަށް އަދި އަނިޔާވެރިވާ ހިނދެއްގައި، އެކަމާ މެދު ބައިނަލްއަޤްވާމީ މައިދާނުގައި އަޑު އުފުލާ ދަނޑިވަޅެއްގައި، އެންމެ ގަދަ އެއް އަޑެއްގެ ގޮތުގައި އޮންނަންޖެހޭނީ ދިވެހިންގެ އަޑުކަމަށެވެ.

"ދިވެހި ޤައުމު ލަދުގަންނަވާލި މިޖަރީމާ ހިންގި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ރައްޔިތުންގެ ކިބައިން މަޢާފަށްއެދި، މިކަން ހިންގާދިޔަ ގޮތެއް ސާފުކޮށްދޭންޖެހޭކަމުގައި މިކޯލިޝަނުން ދެކެމެވެ. އަދި، މިފަދަ ޢަމަލެއް ހިންގީ ކޮން މަޖުބޫރުކަމެއް ނުވަތަ ނުފޫޒެއް އޮވެގެންތޯވެސް ހާމަކުރަންޖެހެއެވެ. ހަމަ އެއާއެކު، ބޭރު ދުނިޔޭގައި ރާއްޖެ ތަމްޞީލުކުރާ އެންމެހާ ސަފީރުންނާއި މަންދޫބުންގެ ސުލޫކީ މިންގަނޑެއް ކަނޑައަޅާ، ޤައުމުގެ ޚާރިޖީ ސިޔާސަތާ ޚިލާފަށް، އަދި ޤައުމިއްޔަތުގެ ރުކުންތަކާ ޚިލާފަށް ޢަމަލު ހިންގާ ފަރާތްތައް ވަގުތުން މަޤާމުން ދުރުކުރެވޭނެ ނިޒާމެއް ކަނޑައެޅިފައި އޮތުމުގެ މުހިންމުކަން މިފުރުޞަތުގައި ފާހަގަކުރަމެވެ"، ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

Advertisement

ކޮމެންޓް

Advertisement