Advertisement

މަޖިލިސް ޖަމާކުރީ ދައުލަތް ހުއްޓިފައިވާތީ: މެންބަރު ސައީދު

27 May 2020 | 14:50

ރައްޔިތުންގެ މަޖިލިސް ޖަމާކުރީ ދައުލަތް ހުއްޓިފައިވާތީކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މެންބަރު ސައީދު މިފަދައިން ވިދާޅުވެފައިވަނީ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 41 ވަނަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ސައީދު އިތުރަށް ވިދާޅުވިގޮތުގައި މަޖިލިސް އަށް މެންބަރުން ޖަމާކޮށް، މަޖިލިސް ބާއްވަން ޖެހިފައިމިވަނީ ޖުލައި މަހާއި ހަމަޔަށް ލޮކްޑައުން ދަހަމަހައްޓައިފިނަމަ ވެރިކަން ނޯންނާނެތީކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ކުރަމުން އަންނަ ކަންކަމަށް ފާޑު ވިދާޅުވެ، މި ދަނޑިވަޅުގައި މަޖިލިސް ޖަލްސާތައް ފެއްޓެވުމުން ސައީދު ވަނީ މަޖިލިސް ރައީސް، މުހައްމަދު ނަޝީދަށް ޝުކުރުއަދާކުރައްވާ ވާހަކަދައްކަވާފައެވެ.

"ދިވެހި ދައުލަތް ނާމާނކަމެއްގެތެރެއަށް ވެއްޓެމުންދަނިކޮށް މަޖިލިސް ބޭއްވީތީ މަޖިލިސް ރައީސްއަށް ޝުކުރުއަދާކުރަން" ރައީސް ޔާމީން ސަރުކާރުގެ އިކްނަމިކް މިނިސްޓަރ ކަންވެސް ކުރައްވާފައިވާ ސައީދު ވިދާޅުވިއެވެ.

ސައީދު ވަނީ އައްޑޫ ސިޓީއާއި ހުވަދު އަތޮޅުގެ ރަށްތަކުގައި ދަތުރުފަތުރުކުރުމަށް ހުޅުވާލުމަށްވެސް ގޮވާލައްވާފައެވެ. މި ދަނޑިވަޅުގައި ހާލަތައް ބަލައި މި ދޫތައް ދިނުމަށް މެންބަރު ގޮވާލެއްވިއެވެ. އަދި މިއީ ރާއްޖެ ވެއްޓެމުން މިދާ އިޤްތިސާދީ އަނދަވަޅުން ސަލާމަތްކޮށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން އެޅިދާނެ ފިޔަވަޅެއްކަން އޭނާ ފާހަގަކުރެއްވެވިއެވެ.

ކޮވިޑް 19 އާއި ގުޅިގެން މުޅި ރާއްޖެ ލޮކްޑައުން ހާލަތުގައި އޮތްއިރު އާންމު ދަތުރުފަތުރު އަދިވެސް ވަނީ ހުއްޓާލާފައެވެ. އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އަންނަނީ ރާއްޖޭގެ އިޤްތިސާދާށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ސަރުކާރުން އެދެވޭ މަސައްކަތެއް ނުކުރެވި ރާއްޖެ އިތުރަށް ދަރަނިވެރިކުރާގޮތަށް ސިޔާސަތު ބައްޓަންކުރާކަމަށް ބުން ފާޑުކިޔަމުންނެވެ.

Advertisement

ކޮމެންޓް